އޮލިމްޕިކްސް 400 މީޓަރު ފްރީ ސްޓައިލް ފެތުމުގެ އިވެންޓުގައި ރަން މެޑަލް ހޯދައި ޓިއުނީޝިޔާގެ އުމުރުން 18 އަހަރުގެ އަހްމަދު ހަފްނޫއީ ދުނިޔެ ހައިރާން ކޮށްލައިފިއެވެ.

އަހުމަދު ރޭސް ނިންމީ 3:43:36 ސިކުންތުންނެވެ. އަހުމަދާއި އެންމެ ކައިރިން ވާދަކުރީ އޮސްޓްރޭލިޔާގެ މަޝްހޫރު ޖެކް މެކްލޫލިން އާއި އެމެރިކާގެ ކީރަން ސްމިތެވެ. ފައިނަލް ބުރުން އަހްމަދު ފުރުސަތު ހޯދީ ޕްރިލިމިނަރީ ބުރުގައި 8 ވަނަ ހޯދައިގެންނެވެ. މިއާއެކު ފައިނަލް ބުރުގައި އަހްމަދު ރަން މެޑަލް ހޯދުން ވެގެންދިޔައީ މިފަހަރުގެ އޮލިމްޕިކްސްގައި ނިކުތް އެންމެ ހައިރާން ކުރުވަނިވި ނަތީޖާއަށެވެ.

މީގެ ތިން އަހަރު ކުރިން އާޖެންޓީނާގައި ބޭއްވި ޔޫތު އޮލިޕިކްސް މުބާރާތުގައި ވާދަކޮށް 400 މީޓަރު ބައިން 8 ވަނަ އަހަރު 800 މީޓަރު ބައިން 7 ވަނަ ހޯދި އަހްމަދު މިފަހަރު އޮލިމްޕިކްސްއަށް ޖަޕާނަށް ފުރުމުގެ ކުރިން ޓިއުނީޝިޔާގެ މީޑިޔާތަކަށް ދިން ބަސްދީގަތުމުގައި ބުނެފައި ވަނީ އޭނާގެ އަމާޒަކީ 2024 ވަނަ އަހަރު ޕެރިސްގައި އޮންނަ މުބާރާތުން ރަން މެޑަލް ހޯދުން ކަމަށެވެ.

"އަހަރެންގެ އިހްސާސްތައް ބުނެދޭނެ ގޮތެއްވެސް ނޭނގޭ. އެނގޭހާވެސް ކަމަކީ ފެތުމަށްޓަކައި ފެނުގެ އަޑިއަށް އަހަރެން މޫނު އަޑިއަށް ލެވުނުކަން" އުފަލުން ރޮވިފައި ހުރި އަހްމަދު ބުންޏެވެ.

"ރޭސް ނިންމައި އަހަރެން މޫނު ފެނުން މައްޗަށް ހިއްލާލުމާއެކު ބެކްރައުންޑުން ޤައުމީ ސަލާމުގެ އަޑުއިވުމުން ކުރެވުނު އިހްސާސް ބުނެދޭނެ ގޮތެއް ނޭނގޭ" އަހްމަދު ބުންޏެވެ.

ރަން މެޑަލްއާއެކު އަހްމަދު ވެގެންދިޔައީ ފެތުމުގެ އިވެންޓުން ޓިއުނީޝިޔާއަށް ރަން މެޑަލް ހޯދައިދިން ދެވަނަ ކުޅުންތެރިޔާއަށެވެ. ފުރަތަމަ ކުޅުންތެރިޔަކީ 2008 ގެ އޮލިމްޕިކްސްގައި 1500 މީޓަރު ފެތުމުގެ އިވެންޓުން ރަން މެޑަލް ހޯދި އޮސާމާ މެއްލޫލީއެވެ. އޮސާމާއަކީ އަހްމަދުގެ ރޯލް މޮޑެލްއެވެ. އަހްމަދުގެ އަމާޒަކަށްވެފައި އޮތީވެސް އޮސާމާގެ ފިޔަވަޅު މަތިން ހިނގައި ގައުމަށް ފެތުމުގެ އިވެންޓުން ރަން މެޑަލް ހޯދައި ދިނުމެވެ.

އަހްމަދުގެ ބައްޕަ މުހައްމަދު ހަފްނޫއީއަކީ ބާސްކެޓުގައި ޓިއުނީޝިޔާގެ ގައުމީ ޓީމުން ފާހަގަ ކޮށްލެވުނު ކުޅުންތެރިއެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.