ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފުވައްމުލަކު ސިޓީގައި އިއުލާންކޮށްފައިވާ ކާފިއު ވަގުތުގެ ކުރުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ބުނީ ކޮވިޑާއި ގުޅިގެން ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މިރެއިން ފެށިގެން ކާފިއު ގަޑި ރޭގަނޑު 11 އިން ފަތިހު ހަތަރަކަށް ކުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި 11 ޖެހުމާ ހަމައަށް ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުމަށް ހުރަހެއް ނޯންނާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ފުވައްމުލަކުން ފާއިތުވި ދުވަސްތަކުގައި ވެސް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފައެވެ. އެގޮތުން މި މަހުގެ 21 އަދި 22 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.