ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ފްރާންސް ގައުމީ ޓީމުގެ ޑިފެންޑަރު ރަފޭލް ވަރާން ފަންސާސް ހަމިލިޔަން ޑޮލަރަށް މެންޗެސްޓަރ ޔުނައިޓެޑަށް ވިއްކާލައިފިއެވެ.

2011 ވަނަ އަހަރުން ފެށިގެން ރެއާލްއަށް ކުޅެމުން އަންނަ ވަރާން،28، މެން.ޔުނައިޓެޑަށް ބަދަލުވަނީ 4 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި ހަތަރު އަހަރުގެ ކޮންޓްރެކްޓް ހަމަވުމުން އިތުރު އެއްއަހަރަށް އެއްބަސްވުން އާކުރުމުގެ ފުރުސަތު މެން.ޔުނައިޓެޑަށް ލިބިދެއެވެ.

ސްޕެއިނުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ވަރާން ވިއްކާލަން ރެއާލްއަށް މަޖުބޫރުވީ އެކްލަބުން ހުށަހެޅި އާކޮންޓްރެކްޓަށް އޭނާ ނޫނެކޭ ބުނުމުންނެވެ. ރެއާލްއާއެކު ވަރާން ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާއިރު، މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ވަރާން ވިއްކާ ނުލެވިއްޖެނަމަ ވަރާން ދޫކޮށްލަން ޖެހޭނީ ހިލޭ ކަމަށް ވާތީއެވެ.

ވަރާންގެ ޓްރާންސްގެ ކަންކަން ހަމަޖެހުމުން، ޗުއްޓީ ކުރުކޮށްލުމަށްފަހު މެން.ޔުނައިޓެޑުގެ މެޑިކަލް ޓެސްޓް ހެދުމަށްޓަކައި އޭނާ މިހާރު ވަނީ އާއިލާއާއެކު އިނގިރޭސިވިލާތަށް ގޮސްފައެވެ. އެކަމަކު ވަރާންއަށް މެޑިކަލް ހެދޭނީ ކަރަންޓައިންގެ 7 ދުވަސް ފުރިހަމަ ކުރުމަށްފަހުއެވެ.

ރެއާލްއާއެކު ޗެމްޕިއަންސް ލީގް ހަތަރު ފަހަރު، ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ތަޖުރިބާކާރު ޑިފެންޑަރު ވަރާންއަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި މެން.ޔުނައިޓެޑުން ހޯދި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ގެނައި ކުޅުންތެރިޔަކީ ޑޯޓްމޮންޑަށް ކުޅެމުންދިޔަ އިނގިރޭސި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު ޖޯޑަން ސަންޗޯއެވެ.