ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފުޓްބޯޅަ އިވެންޓުގެ ކުއާޓާފައިނަލުން ޖާގަ ނުލިބި މަޝްހޫރު އާޖެންޓީނާ އާއި ފްރާންސް މިއަދު ކަޓައިފިއެވެ.

ފްރާންސް ކެޓީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި (ގްރޫޕް އޭ) ޖަޕާން އަތުން 0-4 ގެ ބޮޑު ތަފާތަކުން ބަލިވެ، ގްރޫޕްގެ ތިންވަނަ އަށް ދިޔުމުންނެވެ. ދެމެޗުން ފްރާންސް ބަލިވިއިރު މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. ގްރޫޕް އޭ އިން ޖަޕާނާއެކު ކުއާޓާފައިނަލުން ޖާގަ ހޯދީ މެކްސިކޯއެވެ.

އާޖެންޓީނާ ކެޓީ ގްރޫޕް ސީގެ ފަހު މެޗުގައި މިއަދު ސްޕެއިން އަތުން މޮޅު ނުވެވުމުންނެވެ. މިމެޗް 1-1 އިން އެއްވަރުވިއިރު، އޮލިމްޕިކްސް 2008 ގެ ޗެމްޕިއަން އާޖެންޓީނާއަށް ކުއާޓާފައިނަލުން ފުރުސަތު ގެއްލުނީ ގްރޫޕުގެ ދެވަނައިގައި އޮތް މިސްރާ ޕޮއިންޓުގެ ގޮތުން އެއްވަރުވިނަމަވެސް ގެއްލުން އެއްލަނޑު އޮތުމުންނެވެ. މިސްރާއި އާޖެންޓީނާއަށްވެސް ލިބިފައި ވަނީ 4 ޕޮއިންޓެވެ. މިސްރަށް ކުރި ލިބުނީ ފައިދާ އެއްލަނޑު އޮތުމުންނެވެ. މިގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި 5 ޕޮއިންޓާއެކު ކުއާޓާފައިނަލުން ޖާގަ ހޯދީ ސްޕެއިނެވެ.

މިސްރު ކުޅުންތެރިން ކުއާޓާފައިނަލުން ޖާގަ ހޯދުމަށްފަހު އުފާފާޅު ކުރަނީ.

ޖަޕާނާއި މިސްރާއި ސްޕެއިން އަދި މެކްސިކޯގެ އިތުރުން ކުއާޓާފައިނަލުން ޖާގަ ހޯދާފައިވާ ގައުމުތަކީ އެންމެފަހުގެ ޗެމްޕިއަން ބްރެޒިލް އާއި ދެކުނު ކޮރެއާ އާއި ނިއުޒީލެންޑާއި އައިވަރީކޯސްޓެވެ.

ކުއާޓާފައިނަލަށް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ކުއާޓާފައިނަލުގައި ބްރެޒިލް ބައްދަލު ކުރާނީ މިސްރާއެވެ. ޖަޕާން ބައްދަލު ކުރާނީ ނިއުޒީލެންޑާއެވެ. މެކްސިކޯ އާއި ދެކުނު ކޮރެއާ ބައްދަލު ކުރަން ޖެހޭއިރު މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ސްކޮޑެއް އޮތް ސްޕެއިން ނިކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ.