ހެލްތު ޕްރޮޜެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބައެއް ފަހަރު ކަންތައް ކުރާގޮތުން، ރައްޔިތުނނަށް ޖެއްސުންކުރަން އުޅޭހެން ހީވާކަމަށް ރައްްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، މާދަމާރެއިން ފެށިގެން ރޭގަނޑު8:00 އިން ފަތިހު5:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ، ރޭގަނޑު 8 އިން ފެށިގެން އުޅަނދުތައް ދުއްވުން މަނާކުރި ނަމަވެސް ރޭގަނޑު 10 އިން ފަތިހު 5 އަށް މީހުން ބޭރުގައި އުޅުން މަނާ ކަމަށެވެ.

ފުލުހުން ބުނީ ރޭގަނޑު 8 އިން ފެށިގެން ވެހިކަލް ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާ ކުރާނެ ކަމަށެވެ. ކުށް ތަކުރާރު ކުރާ ނަމަ ވެހިކަލް ޓޯކުރާނެ ކަމަށް ވެސް ބުންޏެވެ. އެ ވެހިކަލެއް ދޫކުރާނީ ކަނޑައެޅިފައިވާ ޖޫރިމަނާ ދެއްކުމުން ކަމަށް ވެސް ބުންޏެވެ.

އެކަމާގުޅިގެން މެންބަރު އުޝާމް މިއަދު ވިދާޅުވީ، އެކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށްވާނެކަމެއް ކަމަށެވެ.

އެކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ކޮވިޑްގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.