މާލޭގެ މަގުތަކުގައި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތައް ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ޢާންމުކުރި އިއުލާނެއްގައި ވަނީ، މާލޭ ސިޓީގެ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި، ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު ފުލުހުންނާ ގުޅިގެން މިމަހުގެ 2 އިން ފެށިގެން ނަގަމުން ގެންދާނެކަމަށެވެ. އެހެންކަމުން މަގުމަތީގައި މިގޮތަށް ބަހައްޓާފައި ހުރި އެއްގަމު އުޅަނދު ފަހަރު (ވެހިކަލް) ނަންގަވައި މަގުމަތި ސާފުކުރެއްވުމަށް ސިޓީ ކައުންސިލުން ވަނީ އަންގަވާފައެވެ.

މާލޭގެ މަގުތަކުގައި ހުރި ނުދުއްވާ ގިނަ ދުވަސްވެ، ހަލާކުވެފައިވާ އުޅަނދުފަހަރުތައް ނުނަގާނަމަ “އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދުގެ ދަށުން ނަގައި ނައްތާލެވޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެއްގަމު އުޅަނދު ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ، ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މާލޭ ސިޓި ކައުންސިލުން ކުރާގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލުކުރައްވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން މާލެއާއި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާގޮތަށް ހަމަޖައްސާފައިވާކަންވެސް ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.