އިމްތިހާން ހެދުމަކާއި ނުލައި ލައިސެންސް ދޫކުރަން ހަމަޖެހިފައިވާ މީހުންގެ ޤައުމުތަކުގެ ލިސްޓު ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި ހަތަރުވަނަ އިސްލާހާއެކު، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) އަދި (ހ)ގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމަށް އެ އޮތޯރިޓީއަށް އިހުތިޔާރު ދީފައިވެއެވެ.

މިނިސްޓްރީން ވަނީ އެ އިހުތިޔާރުގެ ދަށުން އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް 25 ގައުމެއްގެ ނަން ހިމަނައިފައެވެ.

އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން އާއި ބޫޓާން އާއި އިންޑިޔާ އާއި ނޭޕާލް އާއި ޕާކިސްތާން އާއި ސްރީލަންކާ އާއި ބުރުނައީ އާއި ކެމްބޯޑިއާ އާއި އިންޑޮނީޝިއާ އާއި ލާއޯސް އާއި މެލޭޝިއާ އާއި މިޔަންމާ އާއި ފިލިޕީންސް އާއި ސިންގަޕޫރާއި ތައިލެންޑް ހިމެނެއެވެ.

އަދި ވިއެޓްނާމް އާއި ޖަޕާން އާއި ޔުނައިޓެޑް ކިންގްޑޮމް އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޗައިނާ އާއި ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި ސްވިޓްޒާލެންޑް އާއި ސައުދީ އަރަބިޔާ އާއި ބެލްޖިއަމް އާއި ޖަރުމަނު ވެސް އެ ލިސްޓުގައި ހިމެނެއެވެ.