ގދ. ރަތަފަންދޫގައި ހިނގި މާރާމާރީއެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ ބުދަ ދުވަހުގެ މެންދަމު 2:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަދި މި މާރާމާރީގައި އަނިޔާވީ މީހުންނަށް ރަތަފަންދޫ ސިއްހީ މަރުކަޒުގަޔާ ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދް މެމޯރިއަލް ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީއާ ގުޅިގެން 21 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.