ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފިރިހެން ބައިގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލުން އެންމެފަހުގެ ޗެމްޕިއަން ބްރެޒިލް އާއި މިފަހަރުގެ މުބާރާތަށް ވަރުގަދަ ސްކޮޑަކާއެކު ނިކުތް ސްޕެއިން މިއަދު ޖާގަ ހޯދައިފިއެވެ.
ބްރެޒިލް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ފުރިހަމަ ވަގުތާއި އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މެކްސިކޯގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. ބްރެޒިލްގެ ޕެނަލްޓީތައް ޖެހީ ތަޖުރިބާކާރު ކެޕްޓަން ޑެނީ އަލްވެސް އާއި އާސެނަލްގެ ފޯވާޑް މާޓިނެއްލީ، ފްރާންސްގެ ލިއޯނާއި ބްރެޒިލް ސީނިއަރ ގައުމީ ޓީމުގައިވެސް ހިމެނޭ ޑިފެންސިވް މިޑްފީލްޑަރު ގުއިމަރޭސް އަދި ރެއާލް މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން ދޫކުރުމުން ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އެޓޭކިންގ މިޑްފީލްޑަރު ރެއިނިއާއެވެ. މެކްސިކޯއިން ފުރަތަމަ ފޮނުވާލި ދެޕެނަލްޓީވީ ނާކާމިޔާބެވެ. އެގައުމަށް ކާމިޔާބު ކުރެވުނީ ތިންވަނަ ޕެނަލްޓީއެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދިނީ ރޮޑްރިގޭޒްއެވެ.
ސްޕެއިނުން ފައިނަލުން ޖާގަ ހޯދީ އިތުރަށް ކުޅުނު ފަރަނަ މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މާކޯ އެސެންސިއޯ ކާމިޔާބު ކޮށްދިން ލަނޑުން 1-0 އިންނެވެ. މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ޖަޕާނުން އުފެއްދިނަމަވެސް ސްޕެއިނުގެ ގޯލް އެޓީމަށް ފޫއަޅުވާލެވޭނެ ގޮތެއް ނުވިއެވެ. އަމިއްލަ ފަސްގަނޑުގައި ފައިނަލަށް ނުދެވުމުން ޖަޕާން ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް މާޔޫސްކަން ފެނިގެންދިޔަ ނަމަވެސް މުބާރާތުގައި އެޓީމުން ދެއްކި ކުޅުމަށް ޖަޕާނުގެ ރައްޔިތުން ވަނީ ތައުރީފް ކޮށްފައެވެ.
ބްރެޒިލް އާއި ސްޕެއިން ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ޔޮކަހާމާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން ހަވީރު 4:30 ގައެވެ. އޭގެ އެއްދުވަސް ކުރިން ބްރޯންޒް މެޑަލްއަށް ކުޅޭ މެޗުގައި ޖަޕާނާއި މެކްސިކޯ ބައްދަލު ކުރާނެއެވެ.
އޮލިމްޕިކްސް ކުޅިވަރު މުބާރާތް ނިމެން ހަތަރު ދުވަހަށް ވެފައިވާއިރު އެންމެ ގިނަ ރަން މެޑަލް ހޯދާފައި ވަނީ ޗައިނާއިންނެވެ. އެގައުމުން 32 ރަން މެޑަލް ހޯދާފައިވާއިރު އެންމެ ކައިރިން ވާދަކުރާ އެމެރިކާއަށް ހޯދިފައި ވަނީ 24 ރަން މެޑަލްއެވެ. ޖަޕާނުން 19 ރަން މެޑަލް ހޯދާފައިވާއިރު އޮސްޓްރޭލިއާއިން ވަނީ 14 ރަން މެޑަލް ހޯދާފައެވެ.
ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިޔާގެ ގައުމުތަކަށް ބަލާއިރު މެޑެލްއެއް ހޯދިފައިވަނީ އިންޑިޔާއަށް އެކަންޏެވެ. އެއީ އެއްރިހި މެޑެލް އާއި ލޯ އެއްމަޑަލްއެވެ.