ލަވައަކީ މުނިފޫހި ފިލުވުމުގެ ވަސީލަތެއް ކަމުގައި ވީ ފަދައިން ބަހުގެ މުވާސަލާތުގެ ވެސް ވަސީލަތެކެވެ. އެހެންކަމާ އެކު ލަވައިގެ މައިގަނޑުގެ ވާހަކަ މިތާގައި މި ދަންނަވަނީ ބަހާވީ ފަޅިންނެވެ.

ފަހަކަށް އައިސް އިވޭ ބައެއް ލަވަތަކުގައި މައިގަނޑު އޮންނަނީ ފަހަތުން އަންނަ ކަޑިތަކާ ގުޅުންކުޑަ ގޮތަކަށެވެ. މަރުކަޒީ ޚިޔާލު ހިފަހައްޓައިދޭ ސިފަ ގެއްލިފައެވެ. މިވާހަކަ ދައްކަން ޖެހުނީ މިހެންވެގެންނެވެ.

ލަވައިން އަސަރުކުރަނީ އެތައް ކަމެއް އެކުވެގެންނެވެ. ލަވައިގެ މާނައެވެ. ފިކުރެވެ. ފިކުރު ހަޔާތާ ގުޅުމެވެ. މުނާސަބު ލަފުޒެވެ. ލަފުޒު މުނާސަބުވާ ގޮތެވެ. ލަވައިގެ މަރުކަޒީ ޚިޔާލާގުޅޭ އެންމެ ރީތި ލަފުޒުތަކެވެ. އެންމެ ރީތި ލަފުޒުތައް އެންމެ ފުރިހަމައަށް ތަރުތީބުވެގެން އައުމެވެ. މި ހުރިހައި ކަމެއް ހުށަހަޅައިދޭ އުސްލޫބެވެ. އުސްލޫބުގެ ތެރެއިން އެއްކަމަކީ ލަވައިގެ މުޅި ފިކުރު ބައްޓަންވެފައި އޮންނަ ގޮތެވެ. ފިކުރު ބައްޓަން ކުރުމުގެ މަސައްކަތުގެ ތެރެއިން އެއްކަމަކީ ލަވައިގެ މައިގަނޑެވެ.

ދިވެހި ބަސްފޮތް ބުނާގޮތުން މައިގަނޑަކީ ޅެމާއިލަވައާއި ފަރިހީގެ ފުރަތަމަ ބައިތެވެ. އެހެންކަމުން ލަވައިގެ މައިގަނޑު ކަމުގައި ވަނީ ފުރަތަމަ ބައިތެވެ. އެއީ ފުރަތަމަ ކަޑި ކިޔުމުގެ ކުރިން ކިޔާބައެވެ.

ލަވައިގެ މައިގަނޑަކީ މުޅި ލަވައިގެ މަރުކަޒީ ޚިޔާލު ހުށަހަޅައިދޭ ބައެވެ. ދިވެހިން ލަވަކިޔައި އުޅޭ އުސޫލުގައި މިއީ ކޮންމެ ކަޑިއެއްގެ ފަހަތުން ތަކުރާރުވާ ބައެކެވެ. އެހެންކަމުން މިބައިގައި އައިބެއް ހުރި ނަމަ އެ އައިބު ފެންނަލެއް ބޮޑުވާނެއެވެ. މޫނުމަތީގައި ހުންނަ ލަކުނެއް ފާޅުކަން ބޮޑުކޮށް ފެންނަ މިސާލުގައެވެ. މި ސަބަބަށްޓަކައި ލަވައިގެ މައިގަނޑު ރީތިވެ ފުރިހަމަ ވާންޖެހެއެވެ.

ލަވައިގެ މައިގަނޑުގެ އެންމެ ޚާސަ އެއް ސިފައަކީ ލަވައިގެ ކޮންމެ ކަޑިއެއްގެ ފަހަތުން ގުޅައިލެވޭ އެއްޗެއްގެ ގޮތުގައި އިބާރާތް ކުރެވިފައިވުމެވެ. ކޮންމެ ކަޑިއެއްގެ ފަހަތުން ގުޅައިލެވެންވީ މާނައިގެ ގޮތުންނެވެ. މިގޮތަށް ގެންނަ މައިގަނޑެއްގައި އޮންނާނީ ކޮންމެ ކަޑިއެއްގައި ބުނާ ބުނުމާ ގުޅިގެން ފަހަތަށް އިތުރުކޮށްލެވޭ ގުޅިފައިވާ ޖުމްލައެއްގެ ސިފައިގައެވެ.

ގުޅިފައިވާ ޖުމްލައެއްގެ ސިފަ މައިގަނޑަށް ގެނައުމަށްޓަކައި ތިން ގޮތަކަށް ޝާޢިރުން އަމަލުކޮށްފައި ހުރެއެވެ. އެއްގޮތަކީ ކަޑީގައި ބުނެދިން ޖުމްލައިގެ ފަހަތަށް މައިގަނޑުގައި އޮންނަ ޖުމްލަ ގުޅުމުން ކަޑީގައި ބުނާ އެއްޗެއް އިތުރަށް ފުޅާވެ ހާމަވެގެންދާ ގޮތަށް އޮތުމެވެ. މަރުކަޒީ ޚިޔާލާ އެކު ލައިމެހިގެންދާ ގޮތަށް އޮތުމެވެ.

ދެވަނަ ގޮތަކީ މައިގަނޑުގައި މަރުކަޒީ ޚިޔާލު ހިމެނުމާއެކު އެ ޚިޔާލުގެ ތެރެއިން ވަކި ނުކުތާއަކަށް ޚާއްސަ ނުކޮށް މައިގަނޑު ބޭއްވުމެވެ. މިގޮތުގައި މައިގަނޑު އޮންނާނީ ހުޅުވިފައެވެ.

މި ދެންނެވި ދެގޮތުން ކޮންމެ ގޮތަކަށް މައިގަނޑު އެކުލަވައިފައި ވިޔަސް ކަޑިއެއްގެ ފަހަތަށް މައިގަނޑު އިތުރުވެގެން އަންނަނައިރު މައިގަނޑު އެކަހެރި ވެގެންނެއް ނުދާނެއެވެ. މައިގަނޑަކީ ހަމަ އެކަނި މިއުޒިކަށްޓަކައި ކިޔާ އެއްޗަކަށް ނުވާނެއެވެ. މާނައަށްޓަކައި ވެސް ކިޔާ އެއްޗަކަށް ވާނެއެވެ.

ތިންވަނަ ގޮތަކީ ލަވައިގެ މަރުކަޒީ ޚިޔާލު ތަކުރާރުކުރާ އެއްޗެއްގެ ގޮތުގައި މައިގަނޑު ބޭއްވުމެވެ. އެކިއެކި މުނާސަބަތުތަކަށް ހަދާ ލަވަތަކުގައި މި ސިފަ ހުރުން ރަނގަޅުކަމަށް ފެނެއެވެ. މިގޮތަށް ހަދައިފައި ހުންނަ މައިގަނޑުގައި ގިނަ ފަހަރަށް ހުންނަނީ ދުވަހުގެ ނުވަތަ މުނާސަބަތުގެ ޝިޢާރެއް ހުށަހަޅައިދީފައެވެ. ނުވަތަ އިލްތިމާސެއް ކޮށްފައެވެ. ނުވަތަ ދުވަހުގެ މެސެޖް ހިމަނައިފައެވެ. މުޙައްމަދު ޖަމީލުގެ "ޝަހީދުންގެ ޢީދު" އަކީ މީގެ މިސާލެކެވެ. އެ ލަވައިގައިގެ މައިގަނޑުގައި ވިދާޅުވެފައި އޮންނަނީ،

"ޝަހީދުންގެ ޢީދޭ ކުރާށޭ ހަނދާން!

ބަހީ ދެން އެ ހިތްވަރު އަލުން އާކުރާން،

ބަހީ ދެން މިޤައުމަށްޓަކައި ޖާނުދޭން،

ބަހީދެން އެކީގައި މުޅިން ހޭދަވާން" މިހެންނެވެ.

މި މައިގަނޑުގައި މިވަނީ ދުވަހުގެ އިލްތިމާސްތަކެކެވެ. ހަތަރު އިލްތިމާސެވެ. މިއީ ޝަހީދުންގެ ޢީދޭ، އެކަން ހަނދާންކުރާށޭ ވިދާޅުވާ އިލްތިމާސެކެވެ. އެ ހިތްވަރު އަލުން ކުރަމާ ބަހީއޭ ވިދާޅުވާ އިލްތިމާސެކެވެ. މި ގައުމަށްޓަކައި ޖާނުދޭން ބަހީއޭ ވިދާޅުވާ އިލްތިމާސެކެވެ. އެކީގައި މުޅިން ހޭދަވަމާ ބަހީއޭ ވިދާޅުވާ އިލްތިމާސެކެވެ. މި ބަސްފުޅުތަކާ މެދު ވިސްނައިލަމާހެއްޔެވެ؟

ފުރަތަމަ އިލްތިމާސް "ޝަހީދުންގެ ޢީދޭ ކުރާށޭ ހަނދާން!" މިއީ މައުޒޫ ހުޅުވައިލެވޭ އިލްތިމާސެކެވެ. އަދި މި ބައިގައި ހިމެނޭ ހަތަރު އިލްތިމާސްގެ ތެރެއިން އެންމެ ހަރުކަށިކޮށް އޮތް އިބާރާތެވެ. އެއްގޮތެއްގައި ނަމަ އަމުރެކެވެ. މާނައަކީ ކޮބައިހެއްޔެވެ؟ ހާލަތާއި މުނާސަބަތުން ދޭހަވާ މާނައަކީ، މިއީ ޝަހީދުންގެ ދުވަހެވެ. މިއީ (މިގައުމުގެ އެންމެން މިކަން) ހަނދާންކުރާށެވެ. މިކަމަކީ ކޮބައިހެއްޔެވެ؟ ޝަހީދުންގެ ދުވަސްކަމެވެ. ބަޔަކު ޝަހީދުވާން ޖެހުނު ސަބަބަކީ ކޮބައިކަމެވެ. ޝަހީދުވީގޮތެވެ.

ޖެހިގެން އަންނަ ތިން އިލްތިމާސަކީ ފުރަތަމަ އިލްތިމާސުގައި ވިދާޅުވެފައިވާ "މިކަން" ހަނދާންކޮށްގެން ކުރާންވީ ކަންކަމެވެ. މިކަމޭ ވިދާޅުވީ ކޮންކޮން ކަންކަމެއްގެ ވާހަކަކަން ދޭހަވަނީ ފަހަތުން އަންނަ ކަޑިތަކުގައެވެ. އެހެންކަމުން އުސްތާޒުލްޖީލުގެ މި ރީތި އަރޓް ޕީސް ފަރުމާކުރައްވައިފައިވާ ގޮތުގެ ކުޑަ ތައާރަފެއްގެ ގޮތުން ބައެއް ކަޑިތަކުގައި ގެންގުޅުއްވައިފައިވާ ވިސްނުންފުޅު ހިއްސާކޮށްލަމެވެ.

ފުތަމަ ކަޑީގައި (ނުވަތަ ބައިތުގައި) ވިދާޅުވަނީ މައުޒޫ ހުޅުވައިލެއްވުމަށް ދައްކަވާ ވާހަކަކޮޅެކެވެ. ކަން އޮތްގޮތާއި މާޒީއަށް ރިއާޔަތްކުރެއްވުމާއެކު ދެން ހަދަންވީ ގޮތުގެ ވިސްނުން އުފައްދަވައިދެއްވި ވާހަކަކޮޅެކެވެ.

ދެވަނަ ކަޑީގައި ވަނީ ކާބަފައިން ލެއިން ގުރުބާންވީކަމާއި ޝަހީދުވެގެން ދިޔަކަމުގެ ކަށަވަރު ބަޔާނެކެވެ.

ތިންވަނަ ކަޑީގައި ވަނީ ގައުމެއްގެ ގައުމީ ހަޔާތުގައި މިފަދަ ކަންކަމާމެދު ވިސްނަންވީ ގޮތާއި ކަންކަން ދެނެގަންނަންވީ ގޮތުގެ ބަޔާނެކެވެ.

ހަތަރުވަނަ ކަޑިއާއި ފަސްވަނަ ކަޑީގައި ވަނީ މިނިވަންކަން ގެއްލުނު ފުރަތަމަ ހާދިސާކަމަށް ބެލެވޭ ޕޯޗުގީޒުން ރާއްޖެ ހިފި ވާހަކައާއި އޭގެ ނަތީޖާއެވެ. ޝަހީދުންގެ ދުވަހުގެ ބަޠަލު ޝަހީދުވި ހާދިސާއެވެ. ދިވެހީންގެ މަތިވެރިވެގެންވާ ގުރުބާނީއެވެ.

ހަވަނަ ކަޑީގައިވަނީ އެ ގުރުބާންތަކުގެ އަގު ވަޒަންކުރެއްވުމެވެ. އެ ހާދިސާގެ ފުން އަސަރުތަކެވެ.

ހަތްވަނަ ކަޑީގައިވަނީ ޝަހީދުންގެ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ އަލިރަސްގެފާނުގެ ނަންފުޅާއެކު މި މުނާސަބަތާއެކު މައުޒޫ އެންމެ ބޮޑަށް ތިލަކުރައްވައިފައެވެ.

މިހިސާބުން ޅެމުގައި ދެކެވެމުން އައި ވާހަކަތައް ބަދަލުވެއެވެ. ފުޅާކޮށް ދެކެވެމުން އައި ވާހަކަތައް ހަނިކުރައްވައި އަލިރަސްގެފާނާއި އެ ރަސްގެފާނުގެ ޖިހާދުގެ ވާހަކަތައް ފަށްޓަވައިފައެވެ.

މިއިން ކޮންމެ ބައިތެއްގެ ފަހަތަށް މައިގަނޑު ގުޅޭއިރު އޮންނަނީ ބައިތުގައި ހާމަކުރައްވައިފައިވާ އެއްޗެއް އެއީ ސަބަބު ކަމުގައިވެ އެ ސަބަބަށްޓަކައި، މިއީ ޝަހީދުންގެ ދުވަސްކަން "ހަނދާންކުރަން" އިލްތިމާސް ކުރެވޭ މައިގަނޑު އަންނަގޮތަށެވެ.

މައިގަނޑާއި ކަޑިއާ ދެމެދުގައި އޮންނަ މިފަދަ ގުޅުންތައް ހުންނަގޮތާއި، މި ގުޅުންތައް ގުޅޭގޮތާއި، މި މަގުސަދަށްޓަކައި ލަވައިގެ އޮނިގަނޑު ރާވާފައި ހުންނަ ގޮތްތައް ބަލައި ދިރާސާ ކުރުމުން މީގެ ތަފުސީލްތަކާއި އިތުރު ގޮތްތައް ފެންނާނޭކަން ކަށަވަރެވެ. މި ބޭނުމަށްޓަކައި ދިރާސާ ކުރާންވާނީ، އިލްމުވެރި ހަރުދަނާ ޅެންވެރިންގެ ލަވަތައްކަން ހަނދާންކުރާންވާނެވެ. އެއީ ޓެސްޓްކުރާން ނަގާ ސާމްޕަލް ނުބައިވެއްޖެ ނަމަ، ޓެސްޓްގެ ނަތީޖާ ގޯސްވާނެތީއެވެ.

ލަވައިގެ މައިގަނޑަކީ އެ ލަވައަކުން އެންމެ ގިނައިން އަޑުއިވޭ ބައެވެ. އެހެންކަމުން ޅެންވެރިޔާގެ މަރުކަޒީ ޚިޔާލު މައިގަނޑުގައި އޮތުން މުހިންމެވެ. ލަވައިގެ މާނައަށް ޚާއްސަވާ މަގުސަދަށް ފަހިވުމަށްޓަކައެވެ. ލަވައިގެ މުޅި އިހުސާސް ރަމްޒުކޮށްދޭ އެއްޗެއްގެ ގޮތުގައި މައިގަނޑު އޮތުން މުހިންމެވެ. ލަވައިގެ ރީތިކަމަށް ފަހިވުމަށްޓަކައެވެ. ޚިޔާލުގެ އެންމެ ރީތި ލަފުޒުތައް މައިގަނޑުގައި ހިމެނުން އިހުސާސް ފޯރުކޮށްދިނުމަށް ފަހިވުމަށްޓަކައެވެ.

ލަވައިގެ މައިގަނޑާ ބެހޭގޮތުން މި ދެންނެވުނީ ބައެއް ގޮތްތަކުގެ ވާހަކައެވެ. ނަމަވެސް މިއަށްވުރެ ތަނަވަސްކޮށް ދިވެހި ޅެންވެރިކަމުގައި ވެސް މިކަން ކުރެއެވެ. ލަވަ ހަދަންޖެހުނު ސަބަބުގެ މައްޗަށް ބިނާވެ އިތުރު ގޮތްގޮތައް ވެސް މައިގަނޑު ހަދައިފައި ހުރެއެވެ. މިއީ އަޅުގަނޑުމެންގެ އެދުރުންގެ ލަވަތަކުން ދަސްކޮށް ނަމޫނާ ލިބިގަންނާން ވެފައި އޮތް ކަމެކެވެ.