ދެހާސް ވިހިވަނަ އަހަރު ޖުލައި ހަ ވަނަ ދުވަހު ވުޖޫދުވި، ވިލަވްސް އަކީ ވިލިމާލޭ (މާލެ ވިލިނގިލީ) ގެ ޚިދުމަތްތެރި ކަނބަލުންތަކެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ.

މި ޖަމުއިއްޔާގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށާއި އެކުދިންގެ ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދަރުމައަށް މަސައްކަތްކުރާ މި ޖަމުއިއްޔާގެ އަމާޒަކީ ރާއްޖޭގެ ހުރިހައި ކަންކޮޅުތަކަށް ވެސް މި ޚިދުމަތުގެ ލާބައާއި މަންފާ ހޯދައިދިނުމެވެ.

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބޮޑުބަޔަކީ މައުލޫމާތު ދިނުމާއި މައުލޫމާތު ހިއްސާކުރުމެވެ. އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުމެވެ. ފަރުވާ ބޭނުންވާ ކުދީންނަށް އެކި ކަހަލަ ތެރަޕީ ދިނުމެވެ.

މީގެ އިތުރަށް ހޭލުންތެރިކަމުގެ ޚާއްސަ ހަރަކާތެއް ހިންގައެވެ. އެއީ ނަފުސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ދަރުމައަށް އެހީތެރިކަންދެއްވާ ޑޮކްޓަރުންގެ އެހީގައި ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ބެލެނިވެރިންނާއި އާންމު މުޖުތަމައެވެ. ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ހިންގަމުން ގެންދެއެވެ. އެ ޖަމްއިއްޔާގެ އަހަރީދުވަހުގެ މުނާސަބަތުގައި މި ޖުލައި މަހު އެތަނުންވަނީ ކުރެހުމުގެ މުބާރާތެއް ވެސް ބާއްވައިފައެވެ.

ވިލަވްސް ޖަމުއިއްޔާގެ ހިންގާ ކޮމެޓީގެ ގިނަ މެންބަރުންނަކީ ނުކުޅެދުންތެރިކަމާއި ނަފުސާނީ މައްސަލަތައް ތަޙައްމަލު ކުރަމުންދާ ކުދިންގެ ބެލެނިވެރިންނެވެ. އެހެންކަމުން މިފަރާތްތަކުން ކޮށްފައިވާ ތަޖުރިބާތަކަކީ މިފަދަ އެހެން ފަރާތްތަކަށް ވެސް ބޭނުން ހިފޭނޭ ތަޖުރިބާތަކަކާއި ހިތްވަރަކަށް ވެގެންދާނޭކަމެކެވެ.

ވި ލަވްސް ގެ ނާއިބު ރައީސާ ޝިފާނާ މުހައްދު ވިދާޅުވި ގޮތުގައި މި ޖަމިއްޔާގެ ދަފުތަރުގައި މިހާރުވެސް 40 އަށްވުރަ ގިނަ މީހުން އެބަތިއްބެއެވެ.

ޖަމިއްޔާގެ މައި އޮފީސް ހުންނަނީ ވިލިމާލޭގައެވެ. އެހެންކަމުން ވިލިމާލެ ނޫން ތަންތާގައި ދިރިއުޅޭ މީހުންނަށް މި ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެއެވެ. އަދި ޚިދުމަތް ހޯދުމަށް ވިލިމާލެއަށް ދިއުމަށް ވެސް ދަތިތަކަކާ ކުރިމަތިވެއެވެ. އެހެންކަމުން މިވަގުތު ތެރަޕީގެ ޚިދުމަތް ދެވެނީ ވިލިމާލޭގައި ދިރިއުޅޭ ކުދިންނަށް އެކަންޏެވެ. ނަމަވެސް މުސްތަގުބަލުގައި މި ޚިދުމަތް މުޅިރާއްޖެއަށް ފޯރުކޮށްދިނުމަށް މި ޖަމިއްޔާގެ މެންބަރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

މި ޖަމްއިއްޔާ ޚިދުމަތުގައި އޮތީ ގަދަ ހިތްވަރުންނެވެ. މިފަދަ ކަންކަމުގައި އާންމުކޮށް ދިމާވާ ފައިސާގެ ދަތިކަމުގެ މައްސަލަ މި ޖަމުއިއްޔާއަށް ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. ހިލޭސާބަހަށް ހިންގިޔަސް ޚަރަދުތަކެއް ކުރާންޖެހެއެވެ. ޚިދުމަތް ދިނުމަށް ހޭދަތަކެއް ކުރާންޖެހެއެވެ. ޚިދުމަތް ދިނުމަށް އެކަށީގެންވާ ވަސީލަތްތައް ބޭނުންވެއެވެ.

މި ދަތިތަކާއެކު ޖަމްއިއްޔާ ހިންގަންޖެހިފައިވާތީ ވަރަށްގިނަ ފަރާތް ތަކެއްގެ އެހީތެރިކަން ބޭނުންވެއެވެ.

ސަރުކާރުން ވިޔަސް އަމިއްލަ ފަރާތަކުން ވިޔަސް މިކަމުގައި ދެއްވަން ބޭނުންފުޅުވާ ކޮންމެ އެހީތެރިކަމަކަށް މި ޖަމްއިއްޔާއިން އެދެއެވެ. އެފަދަ އެހީތެރިކަން ބަލައިގަންނާނެއެވެ. މުޖުތަމައުގެ ދުޅަހެޔޮ ކަމާއި ލާބަޔަށްޓަކައެވެ.