ރާއްޖޭން ނަގާފައިވާ ގިނަ ލޯނުތައް އަނބުރާ ދެއްކުން 2024 އަހަރާ ހަމައަށް ފަސްކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު އެކުލަވާލި ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓު މެންބަރުންނާ ހިއްސާކުރުމަށްފަހު، މިއަދު ވަނީ މަޖިލީހުގެ ކޮމިޓީގައި އެކަމާ ބަހުސްކޮށްފައެވެ.
ބަހުސްގެ ތެރެއިން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ދައުލަތަށް ލިބެންހުރި އާމްދަނީއަށް ބަލާއިރު، 2024 އާ ހަމައަސް ގިނަ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރަންޖެހޭ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ލޯނުތައް ރީސްޓްރަކްޗާ ކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ލޯނުތަކުގެ ފޭސް ވެލިއުގެ އިތުރުން އިންޓަރެސްޓް ރޭޓަށް ބަދަލު އަންނާނެކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.
މިއަދުގެ ބައްދަލުވުމެއްގައި އެ ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ކޮމިޓީން އެ ރިޕޯޓު ފާސްވުމާއެކު، އެ ރިޕޯޓު އަލުން މަޖިލީހުގެ ތަޅުމަށް އައިސް ވޯޓަށް އެހޭނެ އެވެ.