ކަރަންޓް ކެނޑުނު މައްސަލަ ހައްލު ކުރުމަށް މިއަދު މެންދުރު ފަހު ފުވައްމުލަކުން ކަރަންޓް ކަނޑާލަން ނިންމައިފިއެވެ.

ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން، މިމަހުގެ ދެވަނަ ދުވަހު މުޅި ފުވައްމުލަކު ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ. ނަމަވެސް ޓްރާންސްފޯމަރަށް ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެސް ހަމަ އެ ދުވަހު ވަނީ މުޅި ސިޓީއަށް ކަރަންޓު ދީފައެވެ.

ފެނަކަ ފުވައްމުލަކު ބްރާންޗުން ރޭ ކުރި އިއުލާނެއްގައި ބުނީ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އެރަށަށް ގެންގޮސްފައިވާ ޓްރާންސްފޯމަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދު 14:00 އިން ފެށިގެން 17:00 އަށް ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކަރަންޓް ކަނޑާލާ ވަގުތު ސަޕްލައި ފެނުގެ ޕްރެޝަރު ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ކަރަންޓްގެ ހިދުމަތް މެދުކެނޑުމުން ކުރިމަތިވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ވެސް ފެނަކަ އިން ވަނީ ބުނެފައެވެ.