ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު މ. ކިނބިގަސްދޮށުގެ އަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެއްލުން ދިން މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޖާބިރު ކިނބިގަސްދޮށު ގެއަށް ގެއްލުން ދީފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް އޭނާގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ނުދައްކަވާ ކަމަށް ވިދާޅުވެ އިއްޔެ އެ ގެ ކައިރިއަށް ވަޑައިގެން އިހުތިޖާޖު ކުރަމުންނެވެ.

އެކަނިމާއެކަނި ޖާބިރު ކިނބިގަސްދޮށުގޭ ކައިރީގައި އިހުތިޖާޖްކޮށްފައިވާއިރު އޭނާވަނީ އެސަރަހައްދުގައި ހުރެ އަޑުގަދަވެސް ކޮށްފައެވެ. އަދި އެގޭގެ ބޭރުގައި ހުރި ގަސްތަކަކަށް އޭނާ ވަނީ ގެއްލުން ވެސް ދީފައެވެ.