ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެންޑައިކުގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިސީޒަނުގައި ދެން އޭނާއަށް ކުޅެވޭނެ ކަމަށް ބެލެވި ނުފައިވާއިރު އޭނާ ނެތްތަން ފޫބައްދަން ނަޕޯލީގެ އިތުބާރު ޑިފެންޑަރު ކަލިދޫ ކޮލިބެލީއަށް 75 މިލިޔަން ޔޫރޯ ލިވަޕޫލުން ހުށަހަޅައިފިއެވެ.

ސެނަގާލް ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ކޮލިބެލީއަށް ލިވަޕޫލުން ބިޑް ކޮށްފައިވާކަން އިޓަލީގެ މީޑިއާ ރިޕޯޓުތައް ބުނެފައިވާއިރު ނަޕޯލީގެ ވެރިޔާ އައުރެލިއޯ ޑިލައުރެންޓިސް ލިވަޕޫލްގެ ހުށަހެޅުމާމެދު ވަރަށް ބޮޑަށް ގަޔާވާކަމަށް ވެއެވެ.

"ކޮލިބެލީއަށް އެންމެ ބޮޑަށް ޝައުގުވެރިކަންފާޅު ކޮށްފައި ވަނީ ލިވަޕޫލުން. ލިވަޕޫލުން ވަނީ 75-70 މިލިޔަން ޔޫރޯއާ ދެމެދުގެ ޓްރާންސްފާ ފީއެއް ހުށަހަޅާފައި. މިއަގަކީ ނަޕޯލީގެ ވެރިޔާ އައުރެލިއޯ ހިތްހަމަޖެހޭ އަގެއް" އިޓަލީގެ މަޝްހޫރު "7 ގޯލްޑް" ގައި ވާހަކަ ދައްކަމުން އިޓަލީގެ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމުގައިވާ ސަންޓިނީ ބުންޏެވެ.

މީގެ އިތުރުން ސަންޓިނީ ބުނީ ކޮލިބެލީއަށް ޝައުގުވެރިވަނީ ހަމައެކަނި ލިވަޕޫލުން ނޫންކަމަށާއި މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް އަދި ޕީއެސްޖީންވެސް އޭނާއަށް ޝައުގުވެރިވާކަމަށް ސަންޓީނީ ބުންޏެވެ.

ވެންޑައިކުގެ ކަކުލުގެ ލިގްމަންޓަށް އަނިޔާވީ އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައެވެ. ތިރީސް އަހަރަށްފަހު ލިވަޕޫލުން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގް ކާމިޔާބު ކުރިއިރު ވެންޑައިކް ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން 19-2018 ސީޒަނުގައި ލިވަޕޫލުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ ވެންޑައިކުގެ ކުޅުމެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް 2019 ވަނަ އަހަރު އޭނާއަށް ލިބިގެންދިޔުމެވެ.