ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ބައްޕައާއެކު އިއްޔެ ބާސެލޯނާގެ އޮފީހަށް ދިޔައީ އަނގަބަހުން އެއްބަސްވެފައިވާ ގޮތަށް ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރަން ކަމަށާއި އެކަމަކު ސްޕެނިޝް ލަލީގާގެ ފައިނޭޝަނަލް އުސޫލުތައް ހުރި ގޮތުން އެއްބަސްވުމުގައި ސޮއި ކުރެވެން ނެތް ކަމަށް ބާސާއިން ބުނުމުން މެސީއަށް ކުއްލި ޝޮކެއް ލިބިފައިވާ ކަމަށް އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯއާ ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.
މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ކަންކަން ރޭވިފައި އޮތީ އިއްޔެ ހަވީރު މެސީގެ ކޮންޓްރެކްޓް 2026 ވަނަ އަހަރުގެ ނިޔަލަށް އާކޮށް އެކަން ބާސެލޯނާއިން އިއުލާން ކުރުމަށެވެ. އެކަމަކު ބާސެލޯނާއިން އެކްލަބުގެ ރަސްމީ ވެބްސައިޓުގައި ޝާއިއު ކުރި ރަސްމީ ބަޔާނާއެކު އެކަން އެކޮޅު ކޮޅުން ޖެހިގެން ދިޔައީއެވެ.
ބާސެލޯނާއިން މެސީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. މެސީގެ ކޮންޓްރެކްޓް ހަމަވުމާއެކު އޭނާ ގެންދެވޭތޯ ފްރާންސްގެ މުއްސަނދި ކްލަބު ޕީއެސްޖީއިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެކަމަކު މެސީގެ ޝައުގުވެރިކަން ހުރީ ބާސެލޯނާގައި ދެމިހުރުމަށް ކަމުގައިވާތީ ޕީއެސްޖީއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ބާސެލޯނާގެ ރައީސް ޔޯހާން ލަޕޯޓާ އޭރު ބުނެފައި ވަނީ ކޮންމެ ހާލެއްގައިވެސް ބާސެލޯނާގައި މެސީ ބެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ބާސާގެ މާލީ ހާލަތު ދަށްކަމުން، މެސީ ނިންމީ ކްލަބަށް ލިބޭ އާމްދަނީގެ %22 ހިއްސާ ކުރަނީ އޭނާ އެކަނި ކަމުގައި ވީނަމަވެސް ކުރިން ލިބެންދިޔަ މުސާރަ ދެބައިކުޅަ އެއްބަޔަށް ކުޑަ ކުރުމަށެވެ. މެސީގެ މިނިންމުމާއެކު ލަލީގާގެ މާލީ ޤަވައިދުތަކުގެ ތެރެއިން މެސީއާއެކު އާއެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށް ކްލަބުގެ ރައީސް ލަޕޯޓާ ވަނީ ވިދާޅުވެފައެވެ.
"ކަންކަން ނިމިގެން މިދިޔައީ ދެފަރާތަށް (މެސީ އާއި ބާސެލޯނާއަށް) ހިތްދަތިކަން ލިބިގެން. ލަލީގާގެ މާލީ ޤަވައިދުތަކުގެ ތެރެއިން ފުރުސަތު ލިބޭކަށް ނެތް ކޮންޓްރެކްޓް ހެދޭކަށް" ބާސާއިން ނެރުނު ރަސްމީ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ބާސާގެ ތާރިހުގައި އެކްލަބް ދުށް އެންމެ މޮޅު ކުޅުންތެރިޔާ މިފަދަ ގޮތަކަށް ކްލަބަށް އަލްވަދާއު ކިޔަން ޖެހުމަކީ ކްލަބުގެ ސަޕޯޓަރުންނަށް ފުން ހިތާމައެއް ކުރުވި ކަމަކަށް ވަނީ ވެގެން ގޮސްފައެވެ. ބާސާގެ ސަޕޯޓަރުން ރޭ ވަނީ ބާސާގެ މަގުތަކަށް ނުކުމެ ލަލީގާގެ ރައީސް ޓެބަސް އާއި ދެކޮޅަށް އަޑުއުފުލާފައެވެ. އެއީ ލަލީގާއިން ބާސާއަށް ލުއިތަކެއް ދިންނަމަ މެސީ އެކްލަބުގައި ބެހެއްޓެން އޮތުމުންނެވެ.
ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުން މެސީ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު ފުޓްބޯޅައިގެ ދުނިޔެ މިވަގުތު އިންތިޒާރު ކުރަމުން ދަނީ ޓެބަސް އާއި ލަލީގާގެ ބަހަކަށެވެ. ލަލީގާއިން ބޭރަށް މެސީ ހިނގައްޖެނަމަ އެކަން ވެގެންދާނީ ލަލީގާއަށް ލިބޭނެ މާލީ ވަރަށް ބޮޑު ގެއްލުމަކަށެވެ.