ބޭންކް އޮފް މޯލްޑިވްސް އިން ތ. ތިމަރަފުށީގައި ސެލްފް ސަރވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ.

ސެލްފް ސަރވިސް މި ސެންޓަރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ގާއިމްކުރި މި ސެންޓަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިންގ ޚިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.

ތިމަރަފުށީގައި ހުޅުވި ބީއެމްއެލްގެ އޭޓިއެމްއާ އެކު މިހާރު ތ. އަތޮޅުގެ 3 ރަށަކުން އޭޓީއެމްގެ ޚިދުމަތް ލިބޭނެއެވެ. އެއީ ތިމަރަފުށްޓާއި، ގުރައިދުއާއި ވޭމަންޑޫއެވެ. ބީއެމްއެލްއިން މިހާރު ވެސް އަންނަނީ 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 124 އޭޓީއެމްއިން ރައްޔިތުންނަށް ޚިދުމަތް ދެމުންނެވެ.