ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ފައިނަލުގައި ސްޕެއިންގެ މައްޗަށް 1-2 އިން ކުރި ހޯދައި މަޝްހޫރު ބްރެޒިލުން ރަން މެޑަލް ދިފާއު ކޮށްފިއެވެ.

ޖަޕާނުގެ މަޝްހޫރު ޔޮކަހާމާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ބްރެޒިލުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ މިފަހަރުގެ މުބާރާތުގައި ބްރެޒިލްގެ ފޯވާޑް ލައިނުގައި މޮޅު ކުޅުމެއް ދެއްކި ކުންހާއެވެ. ހަމަލާތައް އުފެއްދުމުގައި ރެއާލް މެޑްރިޑުގެ ވިންގަރ މާކޯ އެސެންސިއޯ އާއި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ރޮޑްރިގޭޒަށް ވަރަށް ބޮޑަށް ބަރޯސާ ވެގެން ކުޅެމުންދިޔަ ސްޕެއިނުން ނަތީޖާ ހަމަހަމަ ކުރީ 61 ވަނަ މިނެޓުގައި ރޭއާލް ސޮސިއެޑާޑުގެ ވިންގަރ މިކޭލް އޮޔަޒަވަލްގެ ހިތްގައިމު ލަނޑުންނެވެ.

ބްރެޒިލުން ދެވަނަ ފަހަރަށް ލީޑް ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެގައުމު އެއްވަރު ވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ބާސެލޯނާގެ ކުރީގެ ވިންގަރ މަލްކޮމްއެވެ.

މަލްކޮމް ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ.

މިއީ އޮލިމްޕިކްސްގެ ތާރިހުގައި ބްރެޒިލުން ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން ބްރެޒިލުން ރަން މެޑަލް ހޯދީ އަމިއްލަ ގައުމުގައި 2016 ވަނަ ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައެވެ. އަނެއްކޮޅުން މިއީ އޮލިމްޕިކްސް ފައިނަލުގައި ކުޅެ ސްޕެއިން ބަލިވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ސްޕެއިން ވަނީ 1920 އަދި 2000 ވަނަ އަހަރު ފައިނަލުގައި ކުޅެ ބަލިވެފައެވެ.

ބްރެޒިލްގެ މިކާމިޔާބީގައި އެންމެ ބޮޑު އުފަލެއް ލިބެނީ ކެޕްޓަން ޑެނީ އަލްވެސް،38، އަށެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގެ މައިދާނުގައި 34 ތަށި (ދުނިޔޭގެ ރެކޯޑް) ކާމިޔާބުކޮށް އޭނާގެ ތަށި ހަރުގަނޑަށް އިތުރު ފުރިހަމަކަމެއް މިކާމިޔާބީއާއެކު ލިބިގެން ވަނީ ގޮސްފައެވެ.

ފިރިހެން ފުޓްބޯޅަ އިވެންޓުން ބްރެޒިލް ރަން މެޑަލް ހޯދިއިރު އަންހެން ފުޓްބޯޅަ އިވެންޓުން ރަންމެޑަލް ހޯދީ ޕެނަލްޓީގައި ސްވިޑްން ބަލިކޮށް ކެނެޑާއެވެ.