އިންޑިއަން އައިޑަލް، އާދީއްތަ ދުވަހުގެރޭގެ ޝޯ ޝަރަފުވެރި މެހުމާނަކީ ބޮލީވުޑްގައި ލޯބީގެ ފިލްމުތައް އުފެއްދުމަށް މަޝްހޫރު ކަރަން ޖޯހަރު އެވެ. ދަރުމާ ޕްރަޑަކްޓްސްގެ ވެރިޔާ ކަރަންޖޯހަރު ޝަރަފުވެރިކޮށްދިން މިރޭގެ ޝޯގައި އޮތީ ލޯތްބާއި އިޝްގީ ހުށަހެޅުންތަކެވެ.
އިންޑިއަން އައިޑަލްގެ މިފަހަރު ޝޯގެއެންމެ މޮޅު ހަ ބައިވެރިންގެ ތެރެއިންވެސް އެންމެ މޮޅުކަމަށް ފާހަގަވާ އަންހެން ލަވަކިޔުންތެރިޔަކީ އަށާރަ އަހަރުގެ އަރުނިތާ ކަންޖަލާލްއެވެ. އަރުނިތާ މިރޭގެ ޝޯގައި ކަރަންޖޯހަރު ގާތު އޭނާ ބޭނުން ވަނީ ކުޗްކުޗް ހޯތާހޭގެ ރާހުލް ކަހަލަ ބައިވެރިއެއް ކަމުގައި ބުނެއެވެ. މިއަށް ރައްދު ދެމުން ކުޗް ކުޗްކުޗް ހޯތާހޭގެ ޑައިލޮގެއް ކަމަށްވާ ކޮންމެ އަންޖަލީ އަކަށް ރާހުލް އެއް ބޭނުންވާފަދައިން ކޮންމެ އަރުނިތާއަކަށް ޕަވަންދީޕެއް ބޭނުންވާކަމަށް ވަރަށް މަޖަލާއެކު ހެވިފައި ކަރަން ބުންޏެވެ. ކަރަންގެ މި ޖަވާބުން އަރުނިތާ ލަދުންގޮސް މޫނުގެ ކުލަބަދަލުވިއެވެ.
އިންޑިއަން އައިޑަލް 12 ގައި ކަރަންޖޯހަރަށް އެންމެ ކަމުދާ ލަވަކިޔުންތެރިއަކީ އަރުނިތާ އެވެ. އަދި އަރުނިތާއަކީ "ސުރް ކި ރާނީ" ރާގުގެ ރާނީ އޭ ބުންޏެވެ. މިރޭގެ ޝޯގައި ކަރަން ގެ ދަރުމާ ޕްރޮޑަކްޓްސް އަށް ލަވަކިޔައިދިނުމަށް ކަރަން އަރުނިތާއަށް ހުށަ އެޅިއެވެ. އަދި މުޙައްމަދު ދާނިޝް އަށްވެސް މި ފުރުޞަތު ލިބުނެވެ. ދާނިޝް ހުށައަޅައިދިން ދެ ލަވަ އަށްވެސް ވަރަށް ތައުރީފުކުރިއެވެ. އެގޮތުން ސްޓޭޖް ތަކުގައި ހުށަހެޅުމަށް ދާނިޝް ވަރަށް މޮޅުވެފައި ފުރިހަމަ ކަމަށް ބުނެއެވެ. ކަރަންގެ އިތުރުން ޖަޖުންވެސް ދާނިޝްގެ ލަވަތައް ފުރިހަމަކަމުން ތައުރީފުކުރިއެވެ.
ހަމައެހެންމެ ޕަވަންދީޕު ރާޖަންކީ ދެ ލަވަވެސް ވަރަށް ފުރިހަމައެވެ.
ޕަވަންދީޕު މިރޭގެ ހުށައެޅުން މޮޅުކަމުން ޖަޖު އަނޫމާލިކް ސްޓޭޖަށް އަރައި އޭނާ އުފުލާލިއެވެ. މިރޭގެ ޝޯގައި ޕަވަން ދީޕުގެ ކިބައިން ވަރަށް އާދޭހާއި އެކު ދަރުމާ ޕްރޮޑަކްސް އަށް ލަވަ ކިޔައިދިނުމަށް ކަރަންޖޯހަރު އެދުނެވެ. މީގެ އިތުރަށް ނިހާލް އާއި ޝައިލީ އަދި ޝައްނޫކާ ޕްރިޔާ ހުށައެޅި ލަވަތައްވެސް ވަރަށް ފުރިހަމައެވެ.
މި ޝޯ ފެށުނީއްސުރެ ޖަޖުންވެސް އަރުނިތާއާއި ޕަވަން ދީޕް ޖޯޑެއްގެ ގޮތުގައި ސިފަކޮށް ސަމާސާކޮށް ހަދައެވެ. އަދި ޝޯ ހުށައެޅުންތެރިޔާ އަދިތިޔާ ނަރަޔަންވެސް މި ދެ ލަވަކިޔުންތެރިނަށް ވަރަށް ގިނައިން އަޅުވާ ކިޔައެވެ.
މި ޝޯގައި ކުރިން އޮތީ ހަބައިވެރިންގެ ތެރެއިން ފަސް ބައިވެރިން ފައިނަލަށް ގެންދާ ގޮތަށެވެ. ނަމަވެސް ޖަޖުންގެ މާކްސް އާއި އާންމުންގެ ވޯޓު ހުރިހާބައިވެރިންނަށްވެސް ގިނައިން ލިބުނެވެ. އެހެންކަމުން ފުރަތަމަފަހަރަށް އިންޑިއަން އައިޑޮލްގެ ފައިނަލަށް ހަބައިވެރިން ގެންދިޔައެވެ.