ސްޓެލްކޯއާ އެމްޑަބްލިއުއެސްސީއިން ބަންދުކޮށްފައިވާ މަގުތަކަށް މަސްދުވަސްތެރޭ ހުޅުވަން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިކަން އެންގީ އެ ދެ ކުންފުންޏަށް މިއަދު ފޮނުވި ސިޓީއެއްގައެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ސްޓެލްކޯގެ ފަރާތުން ވަނީ، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ދޭތެރޭ އޮންނަ ކަށިމާ ހިނގުން (ބްލޮކް ނަންބަރު 349) އާއި ސްޓެލްކޯ ޕަވާ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާއާ ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން (ބްލޮކް ނަންބަރު 348.347) އާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށް ބަންދުކޮށްފައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ބައެއް މަގުތަކާއި ގޯޅިތައް އާންމުންނަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކޮށްފައިވާތީ ދިމާވާ ދަތި އުނދަގޫތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އެހެން ކަމުން އެ މަގުތަކާއި ގޯޅިތައް ހުޅުވުމަށް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ އަށް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.