ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހެންވޭރު ހިކިފިނިފެންމާގެ އަޙްމަދު ނަސީމް އިސްކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި އެ މަނިކުފާނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ހުވައިކުރެއްވުމަށްފަހު، އަޙްމަދު ނަސީމް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

1966 ވަނަ އަހަރު ސަރުކާރާ ގުޅިވަޑައިގަތް ނަސީމްވަނީ ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.

އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ.