ރާއްޖެ އެތެރެކުރަން އުޅުނު 1.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެއްޗަކީ ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު ތަކެތި ކަމަށެވެ.

އެ ތަކެތި އެތެރެކުރަން އުޅުނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް 12 ފަހަރެއްގެ މަތިން ކަމަށްވެސް ބުންނެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެކި ގައުމުތަކުން ގެނައި އެ ތަކެތީގެ ޖުމްލަ ބަރުދަން ބައި ކިލޯއަށް އަރާ ކަމަށެވެ. އެންމެ ގިނައިން އެ ތަކެތި ގެނެސްފައި ހުރީ އިނގިރޭސިވިލާތާއި ނެދަލެންޑްސް އިންނެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.