ސްޕެނިޝް ލަލީގާގެ ފައިނޭންޝިއަލް އުސޫލުތަކުގެ ސަބަބުން ބާސެލޯނާގެ ކޮންޓްރެކްޓް އާނުކުރުރެވޭނެކަން ކަށަވަރުވިތާ ފަސް ދުވަސް ފަހުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ފްރާންސްގެ މުއްސަނދި ކްލަބު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް މިއަދު ބަދަލުވުމުން ޕެރިހަށް އުފާވެރިކަން އަތުވެއްޖެއެވެ.
ގަތަރުގެ ޝާހީ އާއިލާއިން ހިންގަމުން އަންނަ ޕީއެސްޖީއިން މެސީ އެކްލަބަށް ގެނައީ އަހަރަކަށް 41 މިލިޔަން ޑޮލަރުގެ މުސާރައެއްގައި ދެއަހަރު ދުވަހަށެވެ. މެސީ އާއި ޕީއެސްޖީއިން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫންގައެވެ. އެކަމަކު މެސީ ބޭނުންވެއްޖަނަމަ 2024 ގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު މިއެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދެއެވެ. މިއެއްބަސްވުމުގެ ދަށުން އާޖެންޓީނާ ގައުމީ ޓީމު ކުޅެން ޖެހޭ މުބާރާތް ތަކަށާއި އެކުވެރިކަމުގެ މެޗުތަކަށް މެސީ ދޫކޮށްދިނުމަށް ޕީއެސްޖީން ބޮޑު އިސްކަމެއް ދޭންޖެހެއެވެ.
އުމުރުން އެންމެ 13 އަހަރުގައި ބާސެލޯނާއާ ގުޅި ފާއިތުވެދިޔަ 21 އަހަރު އެކްލަބުގައި ދެމިހުރި މެސީ، ޕީއެސްޖީގެ މެޑިކަލް ހެދުމަށްފަހު މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ މިރޭ ހުރުމަށް ހަމަޖެހިފައިވާ ހޮޓަލަށް ގޮސްފައެވެ. ވަރުގަދަ ސެކިއުރިޓީ ފިޔަވަޅުތަކާއެކު ހޮޓަލަށް ދިޔުމަށްފަހު، މެސީ ވަނީ އަންހެނުން އެންޓޮނެއްލާ އާއި ތިން ކުދިންނާއެކު ހޮޓަލުގައި މެސީ ހުރުމަށް ހަމަޖެހިފައިވާ ކޮޓަރީގެ ބެލްކަންޏަށް ނިކުމެ ސަޕޯޓަރުންނަށްނަށް އޮތް ލޯބި އަތުގެ އިޝާރާތުން ދައްކާލާފައެވެ.
ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ދައްކާލުން އޮތީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ. އެއަށްފަހު ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ މީޑިޔާތަކަށްދޭ ފުރަތަމަ ބަސްދީގަތުން އޮންނާނެއެވެ.
ޕީއެސްޖީގައި މެސީ ބޭނުން ކުރާނީ 30 ނަންބަރު ޖާޒީއެވެ. ބާސާގައިވެސް ފުރަތަމަ މެސީ ބޭނުން ކުރީ 30 ނަންބަރު ޖާޒީއެވެ. ޕީއެސްޖީގެ 10 ނަންބަރު ޖާޒީ ބޭނުން ކުރަމުން ދަނީ ބްރެޒިލްގެ ތަރި ނޭމާއެވެ. ނޭމާ ބުނެފައި ވަނީ މެސީއަށް 10 ނަންބަރު ޖާޒީ ދިނުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެކަމަކު މެސީ ބޭނުންވީ 30 ނަންބަރު ޖާޒީއެވެ. ފްރެންޗް ލީގުގައި މީގެ ކުރިން ކޮންމެ ޓީމަކުންވެސް 30 ނަންބަރު ޖާޒީ ހާއްސަ ކުރަން ޖެހެނީ ގޯލް ކީޕަރުންނަށެވެ.
ޕީއެސްޖީއަށް މެސީ ބަދަލުވުމުގެ އުފަލުގައި، މާދަމާ ރޭ ޕެރިހުގެ މަޝްހޫރު އެފިލް ޓަވަރ މެސީއަށް މަރުހަބާ ކިޔައި ޕީއެސްޖީގެ ކުލަތަކުން ދިއްލާލާނެ ކަމަށް އިތުބާރު ހުރި މީޑިޔާ ރިޕޯޓުތައް ބުނެއެވެ.