ކޮންޓެއިނަރެއްގެ މަތިން ވެއްޓި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

އެމްޕީއެލް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ 9:30 ހާއިރު ކަމަށާއި ވެއްޓުނީ ކޮންޓެއިނަރ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް ކަމަށެވެ. އޭނާ ވެއްޓި ކަނާއަތު އުޅަނބޮށި ހުޅުން ނެއްޓިިފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ އެ މުވައްޒަފު ވެއްޓުނީ ވެއްޓުނީ 10 ފޫޓު މަތިންކަމަށާއި އޭނާ 15 މިނެޓު ތެރޭގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ހާދިސާ ހިނގިއިރު މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް( ހެލްމެޓް،ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަކޮށްގެން ކަމުގައިވެސް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުން އަންނަ ކަމަށެވެ.