ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ރަށުން ބޭރުގައި ފަހަތުން އަރައި އޮސްޓްރިއާގެ ރެޕިޑް ވިއެންގެ މައްޗަށް އާސެނަލްއިން ކުރިހޯދިއިރު ރަނގަޅު ފޯމެއްގައި އޮތް އޭސީމިލާނުން ސްކޮޓްލޭންޑުގެ ސެލްޓިކުގެ މައްޗަށް 3-1 އިން ކުރި ހޯދައިފިއެވެ.
އާސެނަލްގެ ކަޕްޓަން ޕެޓްރިކް އަބްމަޔަންގް ފުރަތަމަ އެގާރައިގައި ނުހިމަނައި އާސެނަލްއިން މެޗް ފެށިއިރު ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނެޓުގައި އާސަނަލް ސިއްސުވާލުމަށްފަހު ލީޑް ނެގީ ރެޕިޑް ވިއެންއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ޓަޒިއާޗިސް ފައުންޓަސްއެވެ. އާސެނަލް ކޮޅަށް ނަތީޖާ އަނބުރާލުމަށްޓަކައި ކޯޗް މައިކަލް އާޓެޓާ ކައިރި ކައިރީގައި ބަދަލުތަކެއް ގެނައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 70 ވަނަ މިނެޓުގައި ޑިފެންޑަރު ޑޭވިޑް ލުއިޒް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. އޭގެ ތިން މިނެޓްފަހުން އާސެނަލްއަށް ލީޑް ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެޕްޓަން އަބްމަޔަންގެވެ.
ސެލްޓިކުގެ ސެލްޓިކް ޕާކް ސްޓޭޑިއަމްގައި އޭސީމިލާނުން އެޓީމުގެ މައްޗަށް ކުރި ހޯދީ މެޗުގެ ފުރަތަމަ ހާފުގައި ރޭޑް ކްރުނިޗާއި ބްރަހިމް ޑިއަޒް އަދި މެޗުގެ އިތުރު ވަގުތުގައި ޖެންސް ޕެއްޓާ ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ސެލްޓިކުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މޮރޮކޯއަށް އުފަން އެކަމަކު މިހާރު ނޯވޭގެ ރައްޔިތުކަން އެގައުމުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ވިންގަރ މުހައްމަދު އަމީން އަލްޔޫނުސީއެވެ.
މިއީ އޭސީމިލާން ބަލިނުވެ ހަމަކުރި 21 ވަނަ މިޗެވެ. މިއީ 1996 ގެ ފަހުން އޭސީމިލާން ބަލިނުވެ އެންމެ ގިނަ މެޗް ހަމަ ކުރި ފަހަރެވެ. ރެއާލް މެޑްރިޑަށްފަހު ޔޫރަޕް ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކްލަބުގެ ޝަރަފް އޮތް އޭސީމިލާން އަޑިއަޅާލީ މަލީ މައްސަލަތަކާ ހުރެ މީގެ ހައެއްކަ އަހަރު ކުރިންނެވެ. ސެލްޓިކް ބަލި ކުރުމަށްފަހު މިލާނުގެ ކޯޗް ޕިއޮލީ ބުނީ އޭނާގެ ޓީމުން ދައްކަމުން އަންނަ ތަފާތަކީ އެއް އެމާޒަކަށް މުޅި ޓީމު ކުރާ މަސައްކަތް ކަމަށެވެ. "ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓަން އަދި ޓެކްނިކަލް ސްޓާފުން އެއްއަމާޒަކަށް ދަތުރު މިކުރަނީ. ދަތުރު މިކުރެވެނީ އެއްއަމާޒަކަށްކަން ޓީމުގެ މެނޭޖްމަންޓަށާއި ކުޅުންތެރިންނަށް އަދި ޓެކްނިކަލް ސްޓާފުންނަށް އިހްސާސް އެބަކުރެވޭ" ޕިއޮލީ ބުންޏެވެ.
ޔުރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވިޔަރެއާލް ވަނީ ފޯރިގަދަ ކުޅުމަކަށްފަހު 5-3 އިން އަމިއްލަ ދަނޑުގައި ތުރުކީގެ ސިވަސްޕޯ އަތުން މޮޅުވެފައެވެ. ޔަންގް ބޯއީޒް އަތުން 2-1 އިން ރޯމާ މޮޅުވިއިރު އަމިއްލަ ދަނޑުގައި ލޭސްކް އަތުން ޓޮޓެންހަމް މޮޅުވީ 3- އިންނެވެ. ލަނޑުތައް ކާމިޔާބު ކޮށްދިނީ ލޫކަސް މޯރާ އާއި ސަން މިން ހިއުންއެވެ. އަނެއްލަނޑަކީ ލޭސްކް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.