ޗައިނާގައި ޑެލްޓާ ވޭރިއެންޓް އާންމުކޮށް ފެތުރެމުންދާތީ، ސަރުކާރުން ރައްޔިތުން ގޭގައި ބަންދުކުރަމުންދާ ކަމަށް ބުނާ ވީޑިއޯ މަންޒަރުތައް ވަނީ އާންމުވެފައެވެ. މިއިން ޚިޔާލަށް އަންނަނީ، ވޫހާނުން ވައިރަސް ފެތުރެން ފެށިއިރު، އާންމުވެގެން ދިޔަ ހަރުކަށި ފިޔަވަޅުތަކުގެ ހަނދާންތަކެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ، އޮގަސްޓް 9 ގައި 17 ޕްރޮވިންސެއްގައި ޑެލްޓާ ވޭރިއެންޓް އުޅޭ ކަމަށް ބުނެފައެވެ. މިއީ ޖެނުއަރީ 20ށް ފަހު އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ މުއްދަތެވެ.

ޗައިނާގެ މީސްމީޑިއާ ކަމަށްވާ ވައިބޯއާއި ޓުއިޓާއާއި ޔޫޓިއުބަށް ލާފައިވާ ވީޑިއޯތަކުން ފެންނަނީ ރަބަރު ހެދުމުގައި ތިބޭ މީހުންއައިސް، ގެތަކުގެ ބޭރުން ދަނގަޑު ޖައްސައި ބަންދު ކުރަމުންދާ މަންޒަރެވެ. މީގެ މަގްސަދަކީ ވައިރަސް ކޮންޓްރޯލު ކުރުމުގެ ގޮތުން އެއްވެސް މީހަކަށް ގެއިން ބޭރުވެގެން ދިއުމަށް ފުރުސަތު ނުދިނުމެވެ. އެއް ވީޑިއޯގައި ފެންނަނީ، މީހަކު، ވައިޖައްސާލަން ގެއިން ބޭރުގައި އުޅެނިކޮށް އަތުލައިގަންނަ މަންޒަރެވެ. މިމީހާ ގެއަށް ވެއްދުމަށްފަހު އޭނާގެ އެޕާޓްމަންޓް އެއްކޮށް ބަންދުކޮށްލައެވެ.