އިންޑިއަން އައިޑޮލް 12 ގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ޕަވަން ދީޕް ރާޖަން އާއި މި މުބާރާތުގެ މޮޅު ލަވަކިޔުންތެރިޔާ އަރުނިތާ ކާންޖީލާލާ ދެމެދު އިޝްގީ ލޯބީގެ އެވެސް ގުޅުމެއް ނެތްކަމަށް ޕަވަންދީޕު ބުނެފިއެވެ.

އިންޑިއަން އައިޑޮލް ފެށުނީއްސުރެ މި ޝޯ ހުށަ އަޅައިދޭ އަދިތިޔާާ ނަރަޔަންއާއި ޖަޖުން މި ދެ ފަންނާނުން ޖޯޑެއްގެ ގޮތުގައި ސިފަ ކުރަމުންދެއެވެ. މި އެންމެންގެ ވާހަކަތަކަށް ބާރުދޭ ގޮތަށް ކެމެރާތަކުގެ ޝޫޓިންތައްވެސް ބެލުންތެރިންނަށް ފޯރުކޮށްދެއެވެ. ނަމަވެސް މި ދެ ލަވަކިޔުންތެރިންގެ ދެމެދުގައި ލޯބީގެ އެއްވެސް ގުޅުމެއް ނުވާކަމަށް އިންޑިއަން އެކްޕްރެސް ނޫހަށް މައުލޫމާތު ދެމުން ޕަވަންދީޕް ހާމަކުރިއެވެ. އެތައް ދުވަހެއް ވަންދެން އެކީގައި އުޅެވުމުން ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިވެފައިވާކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އަދި އެމީހުންނަކީ ވަރަށް ޒުވާން ކުދިން ކަމާއި މިހާރު ވިސްނަނީ ކުރިމަގަށް ކަމަށް ބުންޏެވެ. އަދި މުސްތަގުބަލުގައި ކުރިއަށްދާނެ ރާސްތާ އަށް ތައްޔާރުވަނީކަމަށް ވެސް ހާމަ ކުރިއެވެ.

އިންޑިއަން އައިޑޮލް ގެ ފައިނަލް އޮންނާނީ މިމަހުގެ ފަނަރަވަނަ ދުވަހު އެވެ. އިންޑިއާގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން މި މުބާރާތުގެ ފައިނަލް 12 ގަޑިރަށް ދެމިގެން ދެއެވެ.

އިންޑިއަން އައިޑޮލްގެ 12 ނުނިމޭނީސްވެސް ޕަވަން ދީޕް ރާޖަންއާއި އަރުނިތާ ކާންޖީލާލަށް ލަވަކިޔުމުގެ އެތައް ފުރުޞަތެއް ލިބިއްޖެއެވެ. މިގޮތުން މި މުބާރާތުގެ ފަނޑިޔާރެއްކަމަށްވާ ހިމޭޝް ރޭޝްމިޔާގެ އަލްބަމަކަށް މިހާރުވެސް މި ދެފަންނާނުން ލަވަކިޔައިދީފި އެވެ. އަދި ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޓުން ވެސް މި ފަންނާނުންނަށް ފުރުޞަތު ލިބިފައި ވެއެވެ.

ޕަވަންދީޕް ރާޖަން ހާމަކުރި ގޮތުގައި މުބާރާތުގެ ހުރިހާ ބައިވެރިންނާ ވެސް ވަރަށްގާތް ގުޅިމެއް އުފެދިފައިވެއެވެ. ގިނަ މަސްތަކެއް އެކީގައި ހޭދަކުރެވުމުން މި އުފެދުނު އެކުވެރިކަން އަބަދަށް ދެމިއޮތުމަށް އެދޭކަމަށްވެސް ޕަވަންދީޕް ހާމަކުރިއެވެ.