ކެމްބޯޑިއާގެ ފެނުން ކަރަންޓު އުފައްދާ ޑޭމް ބަންދުކުރުމުގެ ސަބަބުން ފެން ބޮޑުވެގެން ފަސްހާސް އާއިލާއަކަށް ގެއްލުމުން ލިބި ހާލުގައި ޖެހިފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން އިއްޔެ ޝާއިއުކުރި ރިޕޯޓްގައި ބުނެފިއެވެ. މި ޑޭމް ބަންދުކުރުމުން 300 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ފެން ބޮޑުވިއެވެ. ހާލުގައި ޖެހުނު މީހުން ބުނިގޮތުގައި އެމީހުންގެ ދަނޑުތަކާއި މޭވާ ގަސްތަކާއި، ކާބަފައިންގެ މަހާނަތައްވެސް ވަނީ ދޮވެވިގެން ގޮސްފައެވެ.

ޗައިނާއިން އިންވެސްޓްކޮށްފައިވާ މި ޑޭމްއަކީ، ސޭސާންއާއި ސްރެޕޮކް ކޯރު ބެދޭ ހިސާބުގައި އުތުރު ކެމްބޯޑިއާގައި ހަދާފައިވާ ޑޭމެކެވެ. މި ޑޭމްއިން އުފައްދާ ކަރަންޓުން ކެމްބޯޑިއާގެ އަހަރު ދުވަހަށް ބޭނުންވާ ކަރަންޓުގެ 15 އިންސައްތަ ލިބޭނެއެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވާ ގޮތުގައި މި ޑޭމްއިން ލިބޭ ފައިދާއަށް ވުރެން ރައްޔިތުންނަށް ލިބޭ ގެއްލުން މާބޮޑެވެ.

މިޑޭމަކީ، ޗައިނާއިން ކެމްބޯޑިއާގައި ކޮށްފައިވާ ބޮޑެތި ހަ އިންވެސްޓްމެންޓްގެ ތެރޭން އެއް އިންވެސްޓްމެންޓެވެ. 800 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓްގެ މަސައްކަތުގައި ރައްޔިތުންނާ މަޝްވަރާކޮށް މީހުން ހޭލުންތެރި ކުރަންވީ ވަރަށް ހޭލުންތެރިކޮށްފައި ނުވާކަމަށްވެސް ބުނެއެވެ.

މި ޑޭމް ބިނާ ކުރުމުގެ ސަބަބުން ހިސާބުގެ މީހުން ބުނާގޮތުން މަސްމަހާމެހިވެސް ވަނީ މަދުވެފައެވެ. ކުރިން ދުވާލަކަށް އެމީހުން މީހަކަށް 15 ކިލޯގެ މަސް ހިފިނަމަވެސް މިހާރު ލިބެނީ އެންމެ ދެ ކިލޯގެ މަހެވެ.

މިޑޭމަކީ، 1999ގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ފަންޑު ކުރުމަށް ނިންމި ޕްރޮޖެކްޓެކެވެ. ނަމަވެސް މި ޕްރޮޖެކްޓުން ކުރާނެ ފައިދާއާއި ގެއްލުމާ ބެހޭ ގޮތުން ދިރާސާ ކުރުމަށްފަހު މިއިން ފައިދާއެއް ނުކުރާނެ ކަމަށް ނިންމުމުން އޭޝިއަން ޑިވެލޮޕްމެންޓު ބޭނުންކުން މި ޕްރޮޖެކްޓު ދޫކޮށްލީއެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ތިމާވެށީގެ ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ތަފާތު ދިރާސާތަކުން ދެއްކުމުންވެސް ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން ވަނީ އެކަންކަން ބޮލާލައި ޖައްސަވާފައެވެ. އޭގެ އިތުރުން ހިސާބުގައި ދިރިއުޅުނު މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސްގެން ވަޒަންވެރިކޮށްފައި ވެއެވެ.