އަފްޣާނިސްތާނާއި އުޒުބެކިސްތާނާއި ތާޖިކިސްތާނާއި އިންވެގެންވާ ސަރަހައްދުތައް ތާލިބާނުން ކޮންޓްރޯލު ކުރަމުން ދިއުމުން އަވަށްޓެރި ގައުމުތަކަށް ޓެރަރިސްޓުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ފާއްދާލާނެ ކަމަށް ބަލައިގެން ތައްޔާރަށް ތިބުމަށް ރަޝިޔާގެ ދިފާއީ ވަޒީރު އިންޒާރު ކުރައްވައިފިއެވެ. އިއްޔެ މޮސްކޯގައި އޮތް ފޯރަމެއްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ދިފާއީ ވަޒީރު ސަރޖީ ޝޯއިގޫ ވިދާޅުވީ، އަވަށްޓެރި ގައުމުތައް ބައިވެރިވާ ކޮލެކްޓިވް ސެކިއުރިޓި އޮގަނައިޒޭޝަންގެ ގައުމުތަކުން ތާލިބާންގެ ބާރުގަދަ ވުމަށް ފާރަވެރިވާން ޖެހޭނެ ކަމަށެވެ.

ރަޝިޔާ ސިފައިންނާއި ތާޖިކިސްތާން ސިފައިންނާއި އުޒުބެކިސްތާން ސިފައިން ވަނީ ރަޝިޔާ ސިފައިންނާ ގުޅިގެން އަފްޣާނިސްތާން ސަރަހައްދާ ކައިރީގައި އަސްކަރީ ތަމްރީންތައް ބާއްވާފައެވެ. މި ތަމްރީންތަކުގެ މަގްސަދަކީ އަފްޣާނިސްތާނުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވާން ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބުމެވެ.

ރަޝިޔާއިން ބުނެފައި ވަނީ އެއްވެސް ބާވަތެއްގެ ނުރައްކަލެއް އަފްޣާނިސްތާނުން ކުރިމަތިވަނީނަމަ، އެކަމަކާ ދެކޮޅަށް، ރަޝިޔާ ސިފައިން ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ރަޝިޔާއާއި އެމެރިކާއާއި ޗައިނާއިން ދަނީ ދޯޙާގައި އަފްޣާނިސްތާނާ ބެހޭ ގޮތުން މަޝްވަރާތައް ބާއްވަމުންނެވެ.