އަފްޣާނިސްތާންގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައިނަލްއަގްވާމީ ގުޅުމާ ބެހޭ ޑިރެކްޓަރ އަހުމަދު ޝުޖާއު ޖަމާލް ވިދާޅުވާ ގޮތުގައި ތާލިބާނުންނަށް ވަނީ ގޮވާތަކެއްއްޗާއި ހަނގުރާމަވެރިންނާއި ހަތިޔާރާއި އިރުޝާދު ޕާކިސްތާނުން ލިބިފައެވެ. އަލްޖަޒީރާ ޓީވީއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިވާހަކަތަކަކީ ތުހުމަތެއް ނޫން ކަމަށެވެ. މިއީ ރަނގަޅަށް ޑޮކިއުމެންޓް ކުރެވިފައިވާ ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާގެ ސިފައިންނާއި ނުވަތަ ސަލާމަތީ މަޖިލީހުގެ މުހައްލިލުންނާ ސުއާލުކޮށްފިނަމަ، އެފަރާތްތަކުންވެސް މިކަން ޔަގީންކޮށްދެއްވާނެ އެވެ.

އެމެރިކާ ސިފައިންގެ އަތުގައި ޑޮކިއުމެންޓް ކުރެވިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި އެމެރިކާ ސފައިންނާ ދެކޮޅަށް ދީފައިވާ ހަމަލަތަކުގައިވެސް ބޭނުން ކޮށްފައި ވަނީ ޕާކިސްތާނުން ދީފައިވާ ހަތިޔާރާއި ގޮވާތަކެއްޗެވެ.

އޭނާ ވިދާޅުވީ ތާލިބާނަކީ، ޖަރީމާތައް ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އުޅޭ، ބައިނަލްއަގްވާމީ ކުށްވެރިންގެ ޖަމާއަތެކެވެ.

އޭނާ ވިދާޅުވިގޮތުގައި ތާލިބާނުން އާމްދަނީ ހޯދަނީ އަފްޣާނިސްތާން ސަރަހައްދަށް ވަންނަ ލޮރީ ޑްރައިވަރުންގެ އަތުން ފޭރިގެންނެވެ. އަދި މީސްމީހުންގެ މުދަލުން ވައްކަން ކޮށްގެން އެއިން ބޮޑު އާމްދަނީ މި ގްރޫޕުން ހޯދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.