ކުރީގެ ރައީސް އަބްދުالله ޔާމީން ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭނާ މަގާމުން ދުރުކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ހުކުމް ކޮށްފިއެވެ.
އިތުބާރު ނެތްކަމަށް ފާސްކޮށް ނައިބުރައީސްގެ މަގާމުން ދުރުކުރި މައްސަލައިގައި ޑރ. ޖަމީލް ސުޕްރީމް ކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2 ކަމެކެވެ. އެއީ އޭނާ މަގާމުގައި ހުރުމަށް ނާގާބިލުކަމަށް ކަނޑައެޅެނީ ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ނެތިކަމަށާއި، އަދި އޭނާ މަގާމުން ދުރުކޮށްފައިވަނީ ވަކީލަކު މެދުވެރިކޮށް އަދި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަމަށެވެ. އެހެންނަމަވެސް ދައުލަތުން ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓުގައި ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ އިޖުރާއީ އިއުތިރާޒްކުރާ ކަމުގެ ނުކުތާތަކެއް ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ހުކުމް އިއްވި އިރު މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އިއްވެވި ރައުޔުގައި ބުނެފައިވަނީ ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހާލަތަކަށް ފެތޭ މައްސަލައެއްކަމަށް ބެލެވެން ނެތްކަމަށާއި، މި މައްސަލައަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ މައްސަލަތަކުގެ ބާވަތްތަކުގެ ތެރެއިން ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރަކާ އަދި އެފަދަ އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާ ނިންމުމެއް ޤާނޫނުއަސާސީއާ ހިލާފުވާކަމަށްބުނާ މައްސަލައެއްކަމަށް ވާތީ މި މައްސަލަ ބެލުމުގެ އިހްތިސާސް އޮތީ ސިވިލް ކޯޓަށް ކަމުގައި ދެކޭކަމަށެވެ.
އެހެންކަމުން ޖަމީލްގެ ފަރާތުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅައިފިނަމަ، ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި މި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައެޅިދާނެ މައްސަލައެއްކަމުގައި ޤަބޫލުކުރެވޭ ކަމަށް ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައިވެއެވެ.