ތުރުކީގެ ވެރިރަށުގައި ދޮގު ވާހަކަ ފެތުރުމާ ގުޅިގެން ތުރުކީ ރައްޔިތުން ނިކުމެ، ސޫރިޔާ މީހުންނާ ދެކޮޅަށް ނަސްލީ ދެކޮޅުވެރިކަމުގެ ހަމަލާތަކެއް ދީފިއެވެ. ތުރުކީ މީހުން ވަނީ ސޫރިޔާ ރެފިއުޖީ މީހުންގެ އުޅަނދުތައް އަންދާލައި، އެމީހުން ދިރިއުޅޭ ގެތަކުގެ ދޮރުތައް ހަލާކުކޮށް ވަނދެ އެތަންތަން ހުޅު ޖަހާފައެވެ. ތުރުކީ މީހުންގެ މި ނޭއްގާނި އަމަލާ ގުޅިގެން މީހުން ކޮންޓްރޯލު ކުރުމަށް މިހާރު ފުލުހުން ވަނީ ނެރެފައެވެ.

މި މައްސަލަ މެދުވެރިވީ އަންކަރާގެ ބަގީޗާއެއްގެ ތެރޭގައި ސޫރިޔާ ދެމީހެއްގެ ދެމެދު ހިނގި ޒުވާބަކަށް ފަހު އެކަކު އަނެކަކަށް ވަޅިން ހަމަލަ ދިނުމާ ގުޅިގެންނެވެ. މިވާހަކަ ފެތުރި މީހުން ބުނެފައި ވަނީ ސޫރިޔާ ބަޔަކު ތުރުކީ ބަޔެއްގެ ގައިގައި ވަޅިން ޖަހާފައިވާ ކަމަށެވެ.

ސޫރިޔާ މީހުންނަށް ސަތޭކައެއްހައި ތުރުކީ މީހުން ހަމަލަ ދިންކަމަށް ވެއެވެ. ފުލުހުން ސިފަކޮށްފައި ވަނީ މިއީ ނަސްލީ ދެކޮޅުވެރިކަމުގެ އަމަލެއް ކަމަށެވެ.

ހިސާބުގެ މޭޔަރު މިތަނަށް ޒިޔާރަތް ކުރުމުން ތުރުކީ މީހުން އެދިފައި ވަނީ ސޫރިޔާ ރެފުއުޖީން މަރައި ހުސްކޮށްލަ ދިނުމަށެވެ. އަދި އެމީހުންގެ ފިހާރަތައް ހުޅުވިޔަ ނުދިނުމަށްވެސް ގޮވާލާފައި ވެއެވެ.