ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގި ރޭ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދެ ފިރިހެނުންކަމަށެވެ.

އެދެމީހުންނަކީވެސް ދިވެހިންނެވެ.

މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލައިފާސްކޮށްފައިވާއިރު އެތަނުން އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފަައިހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވެއެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގައި ވަނީ ފަސް ކާރެއް ބަލައިފާސްކޮށްފައެވެ. ބަލައިފާސްކުރި ފަސް ކާރުގެ ތެރެއިން އެއްކާރު ތެރެއިން ގިނަ އަދަދެއްގެ ބަނގުރާލާއި މަސްތުވާތަކެތި ފެނިފައިވެއެވެ.

އެގޮތުން އެކާރުން 34 ދަޅު ބިޔަރާއި ބޮގަރުކަމަށް ބެލެވޭ އެއްޗެއްހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.