ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓަރސް(އެމްއޭއޭސީ)ގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅައި، މައުލޫމާތު ބަދަލުކުރުމަށާއި ސިއްރު ހިފެހެއްޓުމުގެ ގޮތުން ވަކި ހަމަތަކަކާއި އުސޫލުތަކަކަށް ޓެކުހާގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަށްޓަކައި މުއާހަދާއެއްގައި ސޮއިކޮށްފިއެވެ.
އެމް.އޭ.އޭ.ސީ އެގްރިމަންޓްގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމަށް އަދި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޙަސަން ޞާބިރުއެވެ.
އެމްއޭއޭސީގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅުމަށް އެކުލަވާލީ މި މުއާހަދާތަކަކީ މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން "އެމް.ސީ.އޭ.އޭ - ސީ.އާރ.އެސް" އަދި މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ-ބައި-ކަންޓަރީ ރިޕޯޓްސް "އެމް.ސީ.އޭ.އޭ - ސީ.ބީ.ސީ" އެވެ.
މީރާއިން ބުނީ މި މުއާހަދާގައި ސޮއިކުރުމުން، މި މުއާހަދާގައި ބައިވެރިވާ އެހެން ޤައުމުތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް، ޤާނޫނީ އިމުގެ ތެރެއިން މީރާއަށް މަޢުލޫމާތު ބަދަލުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، މުއާހަދާގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ޓެކުހާ ގުޅޭކަންކަމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެތެރޭގައި އެކްޗޭންޖް އޮފް އިންފޮމޭޝަން އޮން ރިކުއެސްޓް (އީ.އޯ.އައި.އާރ)، އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން (އޭ.އީ.އޯ.އައި) އަދި ސްޕޮންޓޭނިއަސް އެކްސްޖޭންޗް އޮފް އިންފޮމޭޝަން ހިމެނެއެވެ. މީގެ އިތުރުން، ސަރވިސް އޮފް ޑޮކިއުމަންޓްސްގައި އެހީތެރިވުމާއި ޓެކްސް އެގްޒަމިނޭޝަންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީރާ އިން ބުނީ މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރުހަދާ އަދި ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.
މީރާ އިން ބުނީ އެމް.އޭ.އޭ.ސީއިން ބާރުދޭ އެއް ސްޓެންޑަރޑް ކަމުގައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް (ސީ.އާރ.އެސް)ގެ ދަށުން، މުއާހަދާގައި ބައިވެރިވާ ގައުމުތަކުގައި ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑަންޓެއް ހުޅުވާފައިވާ ބޭންކް އެކައުންޓްތައް އަދި އެހެނިހެން ފައިނޭންޝަލް އެކައުންޓްތަކުގެ ތަފްސީލް މީރާއަށް ލިބޭނެ ކަމަށެވެ. މީގެ ތެރޭގައި ފަރުދުންގެ އެންމެހައި އެކައުންޓްތަކުގެ ތަފްސީލާއި، ކުންފުނި އަދި އެފަދަ އެހެނިހެން އެންޓިޓީތަކުގެ އެކައުންޓްތަކުގެ ތެރެއިން 250,000 އެމެރިކާ ޑޮލަރުގެ ބެލެންސް ނުވަތަ އަގު ހުރި އެކައުންޓްތަކުގެ މައުލޫމާތު ހިމެނެއެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީ ވެސް ހިމަނައިގެން އެ ފަރާތަށް ލިބޭ ޖުމްލަ އާމްދަނީން ކަމުން، މިފަދަ މައުލޫމާތު 143 އެހެން ޤައުމަކުން ލިބުމަކީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް މަސައްކަތްކުރުން ހުއްޓުވުމަށާއި، އާމްދަނީ ލިބޭ މިންވަރަށްވުރެ ދަށުން ރިޕޯޓްކުރާ ފަރާތްތައް ދެނެގަތުމަށް މީރާއިން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މީރާއިން ބުނެއެވެ.
މީގެ އިތުރުން، ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގގެ ދަށުން، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއުގެ ގޮތުގައި 750 މިލިއަން ޔޫރޯއަށްވުރެ އިތުރަށް ލިބިފައިވާ މަލްޓިނެޝަނަލް އެންޓަޕްރައިޒް (އެމް.އެން.އީ) ގްރޫޕްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ކޮންސްޓިޓުއަންޓް އެންޓިޓީތައް ޤާއިމްކޮށްފައިވާ އެމް.އެން.އީ ގްރޫޕްތަކުގެ މާލީ މައުލޫމާތުވެސް މީރާއަށް ލިބޭނެއެވެ.
ދިވެހިރާއްޖެއަށް ބޭރުގެ އިދާރާތަކުން މަޢުލޫމާތު ފޯރުކޮށްދޭ ފަދައިން ދިވެހިރާއްޖެއިންވެސް މުއާހަދާގައި ބައިވެރިވެފައިވާ އެހެން ޤައުމުތަކަށް މި މައުލޫމާތުތައް ފޯރުކޮށްދޭނެއެވެ. ބޭރުގެ އިދާރާތަކާ ހިއްސާކުރާ ފައިނޭންޝަލް އެކައުންޓްގެ މައުލޫމާތުތައް މީރާއާއި ހިއްސާކުރާނީ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތަކެވެ. އަދި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދުގެ ދަށުން މީރާއަށް ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން ވެސް ސީ.ބީ.ސީ ރިޕޯޓިންއަށް ބޭނުންވާ މައުލޫމާތު ހުށަހަޅަން ޖެހޭނެއެވެ. ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތައް ފުރަތަމަ ފަހަރަށް މަޢުލޫމާތު ހުށަހަޅަންޖެހޭ ސުންގަޑިއަކީ 31 ޖުލައި 2022 އެވެ. އަދި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގެ ދަށުން ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން، 1 ޖަނަވަރީ 2021 ނުވަތަ އޭގެ ފަހުން ފެށޭ ރިޕޯޓުކުރާ ފިސްކަލް އަހަރުތަކަށް ނިސްބަސްވާ ރިޕޯޓް ހުށަހަޅަން ޖެހޭނީ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12 މަސްދުވަސް ހަމަވުމުގެ ކުރިންނެވެ.
އިންފޮމޭޝަން ސްޓޭންޑަރޑްތައް ޤާއިމުކުރުމަށްޓަކައި ޓެކުހާގުޅޭ ޤާނުނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މީރާއިން މިނިސްޓްރީ އޮފް ފިނޭންސްގެ ޓެކްސް ޕޮލިސީ ޔުނިޓާއެކު ގިނަ މަސައްކަތްކޮށްފައިވެއެވެ. ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ދަށުން ތައްޔާރުކުރަންޖެހޭ ގަވާއިވުތަކާއި ޕޮލިސީތައް މިހާރު ތައްޔާރުކުރެވިފައިވާއިރު، މި ސްޓެންޑަރޑްތައް ތަންފީޒުކުރުމަށް ބޭނުންވާ އިތުރު މައުލޫމާތާއި ގައިޑްތައް މީރާގެ ވެބްސައިޓް އަދި އެކި މީޑިއާތަކުގައި ޝާޢިއުކުރެވޭނެއެވެ. މީގެ އިތުރުން ވެސް، ސީ.އާރ.އެސް އަދި ސީ.ބީ.ސީ.އާރ ތަންފީޒުކުރުމަށް މީރާއާ އެކީ މަސައްކަތްކުރާ ސަރުކާރުގެ އެކި އިދާރާތަކަށާއި މި ސްޓްންޑަރޑްގެ ދަށުން މައުލޫމާތު ރިޕޯޓްކުރަންޖެހޭ މާލީ އިދާރާތަކަށް ގްލޯބަލް ފޯރަމްއާ ގުޅިގެން ބައްދަލުވުންތަކާއި ވޯރކްޝޮޕްތައް ބާއްވާފައިވެއެވެ. މި ވޯރކްޝޮޕްތަކުގައި މި ސްޓޭންޑަރޑް ތަންފީޒުކުރުމުގައި ބައިވެރިވާ އެންމެހާ އިދާރާތަކުގެ މައްސޫލިއްޔަތުތަކާއި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ސްޓޭންޑަރޑްގެ ދަށުން މާލީ އިދާރާތަކުން މީރާއަށް މަޢުލޫމާތު ހުށަހަޅާ ސިސްޓަމާ ގުޅޭ އިތުރު ތަމްރީނުތައް ދިނުމަށް މީރާއިން އަންނަނީ ތައްޔާރުވަމުންނެވެ.
މި ސްޓޭންޑަރޑް ކާމިޔާބުކަމާއެކީ ތަންފީޒުކުރުމަށްޓަކައި، ސީ.އާރ.އެސްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތަކާއި އެމް.އެން.އީ ގްރޫޕްތަކުގެ ކޮންސްޓިޓުއަންޓް އެންޓިޓީތަކުގެ އެއްބާރުލުން ބޭނުންވާނެއެވެ. މި މަޢުލޫމާތުތަށް ހުށަހެޅުމަކީ ޤާނުނުން ލާޒިމުކުރާ ކަމަށްވާތީ، މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާ މެދު ޓެކުހާ ގުޅޭ އިދާރީ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ކުރިއަރާފައިވާ ގައުމުތަކާ ދިވެހިރާއްޖެއިން ފައިހަމަކޮށް، ޓެކުހަށް މަކަރު ހަދައި ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ފެށި މި ދަތުރުގައި މިއަދަކީ މީރާއަށާއި ދިވެހިރާއްޖޭގެ ޓެކްސް ނިޒާމަށް ބޮޑު ކާމިޔާބީއެއް ލިބުނު ދުވަހެއްގެ ގޮތުގައި މީރާއިން ވަނީ ސިފަކޮށްފައެވެ. މިރާގެ އުންމީދަކީ މާލީ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާއެކު ކާމިޔާބުކަމާއެކީ މި ސްޓޭންޑަރޑްތައް ތަންފީޒުކުރުން ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.