އިނގިރޭސިވިލާތުގެ ޝެފީލްޑްގައި ޕާކިސްތާން ބަޔަކު ހިންގާ ރޭޑިއޯ ސްޓޭޝަނަކާ ދެކޮޅަށް ގަވާއިދުގެ ތެރޭން ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގައި އިނގިރޭސިވިލާތުގެ މީޑިއާ ބަލަހައްޓާ އޮފް ކޮމްއިން ބުނެފިއެވެ.

ޖަމާއަތަށް ފައިދާ ހުރި މަޢުލޫމާތާއި ޚަބަރު ގެނެސްދޭ، ކޮމިއުނިޓީ ރޭޑިއޯ ލިންކް އެފްއެމް ވަނީ ޖިހާދަށް ހިތްވަރުދޭ ބާވަތުގެ ދީނީ ލަވައެއް ގެނަސްދީފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބްރޭކްފާސްޓް ޝޯ ގައި ދެ ފަހަރެއްގެ މަތިން މި ލަވަ ގެންސްދީފައިވާ ކަމަށް އޮފްކޮމްއިން ބުނެއެވެ.

އޮސްކޮމްއިން އޮޅުން ފިލުވައިދިން ގޮތުގައި، ދީނީ ލަވަތައް ގެނަސްދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދީނީ ކުލަވަރެއްގައި ހަނގުރާމައަށް ހިތްވަރު ލިބޭ ގޮތަށް ދީނީ ލަވަ ގެނަސްދިނުމަކީ ގަވާއިދުގެ ތެރޭން އެކަން މަނާކުރެވިފައިވާ ކަމެކެވެ.

ރޭޑިއޯ ލިންކުން ވަނީ މި ލަވަ ގެނަސްދެވުނުކަން ކަށަވަރު ކޮށްދީފައެވެ. އަދި ރޭޑިއޯ ސްޓޭޝަނުން ވަނީ މިކަމަށް މައާފަށްވެސް އެދިފައެވެ.