ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށްފަހު މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލް ކޮށްފި އެވެ.

އެ މައްސަލާގައި އެނގިހުރެ މީހަކު މަރާލުމުގެ ދައުވާ ދައުލަތުން ދައުވާ އުފުލީ އޭނާއާއެކު އެއް ބޯޓެއްގައި މަސައްކަތް ކުރި ތިން ބިދޭސީން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސައިންގެ މައްޗަށެވެ.

އެ ދައުވާ އުފުލުމުން އެމީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށަށް އިއުތިރާފުވެ ކުށުގެ އިއުތިރާފު އެއްބަސްވުމުގައި ދައުލަތާއެކު ސޮއިކޮށްފަ އެވެ. ނަމަވެސް މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ތިން މީހުން ވެސް ވަނީ އިއުތިރާފުން ރުޖޫއަވެފަ އެވެ.

އެހެންވެ މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ކުރިމިނަލް ކޯޓުގެ ގާޒީ ނިންމެވީ އެމީހުން ކުށަށް އިންކާރު ކުރާތީ އިއުތިރާފުގެ އެއްބަސްވުން ބާތިލްވެފައިވާ ކަމަށާ މައްސަލަ ތަހުގީގު ކުރުމަށް މުއްދަތެއް ދިނުމަށްފަހު އޭރު ކުރިމިނަލް ކޯޓަށް ވެއްދި މައްސަލަ ގާޒީ ވަނީ ބާތިލް ކޮށްފަ އެވެ. ލުތުފަރު މަރާލާފައިވަނީ މިދިޔަ އަހަރުގެ މޭ މަހު ތެރޭގައެވެ،

މި މައްސަލަ އަލުން ތަހުގީގު ކޮށް ކޯޓަށް ހުށަހެޅުމުން، މި މައްސަލައިގެ ޝަރީއަތެއް މާދަމާ ހެނދުނު 9:30 ގައި ކުރިމިނަލް ކޯޓުގައި ވަނީ ޝެޑިއުލް ކޮށްފަ އެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގައި ފުލުހުން ބުނެފައިވަނީ ލުތުފަރު އޭނާ އާއެކު އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކޮށްފައި ވާކަމަށާ އަދި ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގައި ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ބަސްތާ ޖެހުމަށްފަހު މޫދަށް ގަންބާލާފައެވެ.

އޭނާގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ފުލުހުން ވަނީ ކަނޑުގެ އަޑިން ހޯދާފަ އެވެ.