އދ.ގެ ތެރެއިން ޒުވާން ޑިޕްލޮމެޓުން ތަމްރީންކުރުމަށްޓަކާ، “ޕީ.ޖީ.އޭ ޔޫތު ފެލޯޝިޕް ޕްރޮގްރާމް”ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ހިންގެވުމަށް ގަސްތުކުރައްވާކަން އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “ޕީޖީއޭ ޔޫތު ފެލޯޝިޕް” [ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް] ގެ ނަމުގައި ފަށާ ޕްރޮގްރާމްގައި ބައިވެރިކުރާ ޒުވާނުން އެމެރިކާގެ ނިއުޔޯކަށް ގެންގޮސް، އެއް އަހަރު ދުވަސް ހޭދަކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި މިއަހަރުގެ ދުނިޔޭގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އދ.ގެ އާއްމު މަޖިލީހުގެ ކުރިއަށްއޮތް ދައުރުގެ ރައީސްގެ ހައިޞިއްޔަތުން “ޕީ.ޖީ.އޭ ޔޫތު ފެލޯޝިޕް ޕްރޮގްރާމް”ގެ ނަމުގައި ޒުވާން ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގެވުމަށް ގަސްތުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ޕްރޮގްރާމް ވެގެންދާނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތައް އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ހުޅުވާލެވިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށްކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެ ޤައުމުތަކަށް ނިސްބަތްވާ ޒުވާން ޑިޕްލޮމެޓުންނާއި ސިވިލް ސަރވަންޓުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ނިއުޔޯކަށްގޮސް އދ.ގެ މަސައްކަތްތަކާގުޅޭ ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޚާރިޖީ ދާއިރާއަށް ހޭލުންތެރި ކުރެވިގެންދާނެކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު މިދިޔަ ޖޫން 7 ގައި އިންތިހާބު ކޮށްފައިވާއިރު، އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގައެވެ. ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އދ. ގެ ސެކްރެޓަރީ ޖެނެެރަލް އެންޓޯނިއޯ ގުޓާރެސް އާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވިގޮތުގައި، ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ކުރާ ބުރަ މަސައްކަތުގައި ޒުވާނުންނަށް މޭޒު ކައިރިން ގޮނޑިއެއް ބޭނުންވާ ކަމަށެވެ.