ހުރިހާ ހާލަތްތަކެއްގައި ވެސް ގުޅިގެން މަސައްކަތް ކުރަން އދ އިން ބާރު އަޅާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާ ކުރައްވައިފިއެވެ.
"ޔުނައިޓެޑް ނޭޝަންސް ޑޭ" ގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އދ އިން އަބަދުވެސް އިސް ކޮށްފައި ވަނީ ސުލްހަވެރިކަމާއި އެކީ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް އދ. އިސްވެ އޮވެ ކުރާ މަސައްކަތްތަކުން މިކަން ވަރަށް ރަނގަޅަށް ސިފަ ކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ދުވަސް ރާއްޖެއިން ފާހަގަ ކުރަމުން ދަނީ ފަހުރުވެރި މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
ދިވެހިރާއްޖެ އދ. ގެ މެމްބަރަކަށްވީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. ދެވަނަ ބޮޑު ހަގުރާމައަށް ފަހު ދުނިޔޭގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް އދ އުފެއްދީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.