މުލަކަތޮޅު ކައުންސިލުގެ ލޯންޗް މުލީ ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ. މުލަކަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ނިމާލް ވިދާޅުވީ ހާދިސާ ހިނގާފައިވަނީ އަތޮޅުގެ ބައެއް ރަށްރަށަށް ވެކްސިން ގެންދިއުމަށްފަހު އެނބުރި ރަށަށް އައިސް ފައްތިޔަލުގައި އަޅާފައި އޮއްވައި ކަމަށެވެ. ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބައެއް އަދި އެނގިފައެއް ނުވެއެވެ. ފުރަތަމަ ފެނުނީ ވަރަށް ބޮޑަށް ލޯންޗް ދިޔަވެފައި އޮއްވައެވެ. އެހެން ކަމުން ފަޅުވެރިން މަސައްކަތް ކުރީ ދިޔަ ހިއްކައި އެއްގަމަށް ލެފުމަށެވެ. އެހެންނަމަވެސް އެމަސައްކަތުގައި އުޅެނިކޮށް އެއްފަރާތަކަށް އަރި އަޅަލައި ލޯންޗު ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.

ލޯންޗް އަޑިއަށް ދާން ފެށުމުން އޭގައިތިބި ފަޅުވެރިން ވަނީ މޫދަށް ފުންމާލައިފައެވެ. މި ހާދިސާގައި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ލޯންޗު މިހާރު ވަނީ އެއްގަމާ ކައިރިކޮށް ވެލިގަނޑުގައި ބީއްސައިފައެވެ. ރަށުގެ ކައުންސިލާއި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން މިހާރު ގެންދަނީ ލޯންޗަށް ލިބިފައިވާ ގެއްލުންތައް ބަލަމުންނެވެ. އަދި ހާދިސާ ހިނގިގޮތް ވެސް ދަނީ ބަލަމުން ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

"އިއްޔެ އިރު އޮއްސުނުއިރު އަތުޅުގެ ބައެއް ރަށްރަށަށް ވެކްސިން ގެންދިއުމަށް ކުރި ދަތުރު ނިންމާލުމަށްފަހު ލޯންޗް ފައްތިއަލުގައި އަޅާފައި އޮއްވާ މި ހާދިސާ މިހިނގީ" ކައުންސިލުން ވާހަކެދެއްކެވި އަބުދުﷲ ނިޔާޒު ވިދާޅުވިއެވެ.

ޒަމާނުއްސުރެ މުލީގައި އޮޑި ދޯނިފަހަރާއި ލޯންޗުތައް ދަތުރު ނިންމުމަށްފަހު ބާއްވަނީ ފައްތިޔަލުގައެވެ. ދަތުރަށް ފުރަންވުމުން ނޫނީ ބަނދަރަކަށް ނުގެންދެއެވެ.