އިންޑިއާއިން ލަފާ ކުރި ވަރަށް ވުރެން ގިނައިން މިމަސްތެރޭގައި ވެކްސިން ލިބޭނެ ކަމުގައި އިންޑިއާއިން ބުނެއެވެ. މިހާރު ލަފާ ކުރެވޭ ގޮތުގައި މި މަސްތެރޭ އިންޑިއާއަށް 266 މިލިއަން ވެކްސިން ޑޯޒް ލިބޭނެއެވެ. މިދިޔަ މަހު ލަފާކޮށްފައި ވަނީ މިހިނގާ އޮގަސްޓް މަހު ލިބޭނީ 150 މިލިއަން ޑޯޒް އެކަނި ކަމަށެވެ.
އިންޑިއާއިން ވަނީ ކުއްލި ހާލަތުގައި ބޭނުން ކުރުމަށް އެތައް ވެކްސިނަކަށް ހުއްދަ ދީފައެވެ. އަދި ހުރިހައި ވެކްސިނެއްހެން އިންޑިއާގައި އުފައްދަމުންވެސް ދެއެވެ.
ޖޯންސަން އެންޑް ޖޯންސަން އިންޑިއާގައި އުފެއްދުމަށް ހުއްދަ ދީފައި ވެއެވެ.ރަޝިޔާގެ ސްޕުޓްނިކް ވެކްސިންއަށްވެސް ހުއްދަ ދީފައި ވެއެވެ. ސުޕުޓްނިކް އުފެއްދުމަށްވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ. އިންޑިއާގެ ކަޑިއްލާ ހެލްތު ކެއަރ ކުންފުނިން އަމިއްލައަށް އުފައްދާފައިވާ ވެކްސިން ޒައިކޯވީޑީއަށްވެސް ދާދި އަވަހަށް ހުއްދަ ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.
އިންޑިއާއަށް ވެކްސިންގެ ތަދުމަޑުކަމެއް ދިމާވެ. ކޮވިޑްގެ ދެވަނަ ރާޅާ ކުރިމަތިލާން ޖެހުމުން އިންޑިއާގެ ބޮޑު ވަޒީރަށް ފާޑު ކިޔުން އަމާޒު ކުރެވުނެވެ.
މިހާރު އަންދާސާހިސާބު ދައްކާ ގޮތުން އޮގަސްޓް މަހު އިންޑިއާގައި ބޭނުން ކުރުމަށް ޖުމުލަ 266.5 މިލިއަން ވެކްސިން ލިބޭނެއެވެ. އަދި ސެޕޓެމްބަރު މަހު 261.5 މިލިއަން ވެކްސިން ޑޯޒް ލިބޭނެއެވެ. އޮކްޓޯބަރު މަހު 282.5 މިލިއަން އަދި ނޮވެމްބަރާއި ޑިސެމްބަރު މަހު ކޮންމެ މަހަކަށް 285 ޑޯޒް ލިބޭނެއެވެ.
އިންޑިއާއިން އަމާޒު ހިފާފައި ވަނީ މިއަހަރު ނިމުމުގެ ކުރިން އާބާދީގެ 944 މިލިއަން މީހުންނަށް އެއްކޮށް ވެކްސިން ޖަހައި ނިންމާށެވެ. މިވަގުތު އިންޑިއާއިން ވަނީ ޖުމުލަ 528.6 މިލިއަން މީހުންނަށް ވެކްސިން ޖަހާފައެވެ. މީގެ ތެރޭން 44 އިންސައްތައަކީ، އެއް ޑޯޒް ޖަހާފައިވާ މީހުންނެވެ. 12 އިންސައްތަ ވަނީ ދެޑޯޒް ފުރިހަމަ ކޮށްފައެވެ.