ޗައިނާއިން ޕާކިސްތާންގައި ހަދާފައިވާ ގަވަދާރް ޕޯޓުގައި ބޭނުންކުރުމަށް، އީރާނުން ކަރަންޓް ގަތުމަށް ޕާކިސްތާނުން ނިންމައިފިއެވެ. ޕާކިސްތާން މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ގަވަދާރް ޕޯޓްގައި ބޭނުން ކުރުމަށް 70އާއި 100 މެގަވޮޓްގެ ކަރަންޓު އީރާނުން ގަންނަން ބޭނުންވެއެވެ.

ޕާކިސްތާން ސަރުކާރުން މިގޮތަށް ނިންމީ، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއާ ބެހޭ ކެބިނެޓް ކޮމިޓީގެ ބައްދަލުވުމަކަށް ފަހުއެވެ.

ގަވަދާރް ޕޯޓްގައި 300 މެގަވޮޓްގެ ކަރަންޓު އުފައްދާ އިންޖީނުގެއެއް އެޅުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މި އިންޖީނުގޭގެ މަސައްކަތް ފަށާނީ 2023ގައި ކަމަށް ބެލެވެއެވެ.

އީރާނަކީ ޕާކިސްތާނަށް ކަރަންޓް ވިއްކާ ގައުމެކެވެ. މީގެ ކުރިން އީރާނުން ވަނީ ބަލޯޗިސްތާން ސަރަހައްދުގައި ބޭނުންކުރުމަށް، ކަރަންޓު ވިއްކާފައެވެ.

މި ކޮމިޓީގެ ބައްދަލުވުމުގައި މަޢުލޫމާތު ދީފައިވާ ގޮތުގައި ގަވަދާރް ޕޯޓްގެ ޑިއުޓީ ފްރީ ޒޯނަށް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވަނީ، އެތާގައި ކަރަންޓާއި ސާފު ބޯފެން ނުލިބުމުގެ ސަބަބުންނެވެ. ބޯ ފެނާ ބެހޭ ގޮތުން އިތުރަށް ދިރާސާކުރުމަށް ކޮމިޓީން ނިންމިއެވެ.

މީގެ އިތުރުން ޗައިނާގެ އިންވެސްޓްމެންޓް ކުންފުންޏަށް ގަވަދާރްގައި އިތުރު ބިންތައް ދިނުމަށް އެދިފައިވާ އިރު، ޕާކިސްތާން ކޯސްޓްގާޑާއި ޕާކިސްތާން ނޭވީއާ ދެމެދު ބިމުގެ މިލްކުވެރިކަމުގެ މައްސަލަ ހައްލުވެފައި ނެތުމުން މިކަން އެހެން ބައްދަލުވުމުގައި ބަހުސް ކުރުމަށްވެސް ނިންމާފައި ވެއެވެ.

ކުރިން ސިފައިންގެ ކޮންޓްރޯލުގެ ދަށުގައި އޮތުމަށްފަހު، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) އިދާރާގެ އިސް ވެރިއަކަށް ބޮޑު ވަޒިރު އިމްރާން ޚާން ވަނީ ވިޔަފާރިވެރިއަކު ހަމަޖައްސަވާފައެވެ.