ރެކޯޑް ބަލަހައްޓަން ފެށިފަހުން އަފްޣާނިސްތާންގައި، އެންމެ ބޮޑު އިންސާނީ ރެފިއުޖީ ކާރިސާއެއް ކުރިމަތި ވާނީ މިއަހަރުގެ ތެރޭގައި ކަމަށް ރެފިއުޖީންނާ ބެހޭ އދގެ އިދާރާ، ޔޫއެންއެޗްސީއާރް އިން ބުނެފިއެވެ. ޔޫއެންއެޗްސިއާރުން ބުނިގޮތުގައި އެ ޖަމުއިއްޔާގެ ނުތަނަވަސްކަމަކީ، އަންހެނުންނާއި ޅަ އަންހެން ކުދިންނަށް އަފްޣާނިސްތާނު ހަމަނުޖެހުމުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ތީއެވެ. މިއަހަރުގެ މެއި މަހުގެ ފަހުން ވިއްސިވިހާލި ވެގެންދިޔަ 250ހާސް މީހުންގެ ތެރޭން 80 އިންސައްތަ އަކީ އަންހެނުން ކަމަށްވެސް ޔޫއެންއެޗްސިއާރުން ބުނެއެވެ.

ޔޫއެންއެޗްސީއާރުގެ ތަރުޖަމާން ޝާބިއާން މަންޓޫ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އަންހެނުންނާއި އަންހެން ކުދިންނަށް މިނާޒުކު ހާލަތުގެ މަޢުލޫމާތު ދޭން ޖެހޭނެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހާއި އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަ ޔޫއެން އެސިސްޓެންސް މިޝަން އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ 2021ގެ ފުރަތަމަ ބައިގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން މަރުވެފައިވާ ކަމަށެވެ. އަދި 2009ން ފެށިގެން ރެކޯޑް ބަލަހައްޓަން ފަށާފައިވާ ފަހުން އެއްވެސް އަހަރެއްގެ ފުރަތަމަ ހަ މަސްދުވަސް ތެރޭ މިވަރަށް އަންހެނުންނާއި ކުޑަ ކުދިން މަރުވެފައެއް ނުވެއެވެ.

ކާނާއާ ބެހޭ އދގެ ޕްރޮގްރާމުންވެސް ބުނެފައި ވަނީ، އަފްޣާނިސްތާންގައި ބަދަލުވަމުންދާ އިންސާނީ ހާލަތުން ކާރިސާއެއްގެ ހުރިހައި ކުލަވަރެއް ފެންނާން ހުރި ކަމަށެވެ.

އަފްޣާނިސްތާންގައި ތިބޭ އދގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އަފްޣާނިސްތާންގެ ތަރީޚުން ފެންނާން އޮތް ހަގީގަތަކީ، އަސްކަރީ ބާރުގެ ބޭނުން ކޮށްގެން އަފްޣާނިސްތާނަށް ދާއިމީ ހައްލެއް ލިބެން ނެތް ކަމެވެ. އަދި މަޝްވަރާކޮށްގެން ސުލްހަވެރި ޙައްލެއް ހޯދައިދޭން މަސައްކަތް ކޮށްދޭން އދން ތައްޔާރަށް އޮތް ކަމަށްވެސް ބުނެއެވެ.

ޔުނިސެފުން ބުނާ ގޮތުގައި އަފްޣާނިސްތާންގައި ޅަފަތުގައި ކުދިން މަރުވާ ނިސްބަތް މިދިޔަ ހަތަރު ހަފްތާގެ ތެރޭގައި އިތުރުވެގެން ގޮސްފައި ވެއެވެ. އަދި ކޮންމެ ފަސް ކުއްޖެއްގެ ތެރޭން ދެ ކުއްޖަކު ކާޑު ބަލީގެ ޝިކާރައަކަށްވެފައިވާ ކަމަށްވެސް ބުނެއެވެ.