ޗައިނާގެ ވާވޭ ކުންފުނިން ޕާކިސްތާނު ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ ހައްސާސް މައުލޫމާތަށް ޖާސޫސްކުރިކަމަށް ތުހުމަތުކޮށް އެމެރިކާގެ ކެލިފޯނިއާގައި ދައުވާކޮށްފިއެވެ. ޕާކިސްތާންގެ ލާހޯރު ސިޓީގެ ފުލުހުންގެ އިދާރާއިން ކެލިފޯނިއާގެ ބިޒްނަސް އެފިޝެންސީ ސޮލޫޝަން (ބީއީއެސް) ކުންފުންޏަށް ދިން 150 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގައި ވާވޭއާ ގުޅިގެން މަސައްކަތް ފެށިއެވެ.
2016ގައި ޕަންޖާބް ސޭފް ސިޓީޒް އޮތޯރިޓީން ބީއީއެސްއަށް ކޮންޓްރެކްޓް ކޮށްފައިވާ އެއްބަސްވުމުގައި ވަނީ ފުލުހުންނަށް ބޭނުންވާ ޑޭޓާބޭހާއި، ހާޒިރީ ބެލެހެއްޓުމާއި ދޮރުތައް ހުޅުވައި ލެއްޕުމުގެ އެކްސަކް ކޮންޓްރޯލްތަކާއި ޑްރޯން އުދުއްސުމާއި މެނޭޖްކުރުމާއި މީސްމީޑިއާގެ އެކައުންޓްތަކާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެއްކޮށް ހޯދާ މައުލޫމާތާއި ޑޭޓާ މެނޭޖްކުރުމަށް ބޭނުންވާ އައިޓީގެ ނިޒާމެއް އުފެއްދުމަށެވެ.
ބީއީއެސްއިން ވާވޭ ބައިވެރިކުރީ އެފަރާތުގެ އާލާތްތައް މިނިޒާމުގައި ބޭނުން ކުރާތީއެވެ. ބީއީއެސްއިން މި އައިޓީ ނިޒާމަށް ބޭނުންވާ ޑޭޓާ ޑައެގްރާމްގެ ކުރެހުންތަކާއި މައުލޫމާތު ބަދަލު ކުރެވޭނެ ގޮތްތަކާއި އޭގެ ކޯޑުތައް ހުންނާނެ ގޮތުގެ މުޅީ ނިޒާމު ފަރުމާކުރުމުން ވާވޭއިން އެދުނީ ޓެސްޓް ކުރުމުގެ ބޭނުމަށް ޗައިނާގައި ވާވޭގެ ކޮމްޕިއުޓަރުތަކަށް އެ ނިޒާމު އިންސްޓޯލް ކުރާށެވެ.
ދުވަސްކޮޅަކަށް ޗައިނާގައި ބޭނުން ކުރުމަށްފަހު ޗައިނާ ވާވޭ ކުންފުނިން ބީއީއެސްއަށް ޓެސްޓްކުރުމުގެ ނިޒާމުގެ ތެރެއަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރީއެވެ. އެއަށްފަހު ޗާއިނާގެ ވާވޭއިން އެދުނީ ޕާކިސްތާންގެ ލާހޯރު ފުލުހުންނަށް އިންސްޓޯލްކޮށްދީފައިވާ އަސްލު ނިޒާމުގެ ތެރެއަށް ވާވޭއަށް ވަދެވޭ ގޮތަށް ހުއްދަ ދިނުމަށެވެ.
ވާވޭއިން ބީއީއެސްއަށް އިންޒާރު ދެމުން ބުނެފައި ވަނީ، މިހުއްދަ ނުދީފިނަމަ، ބީއީއެސްއަށް ދޭން ހުރި ފައިސާތައް ނުދޭނެ ކަމަށާއި އަދި ކޮންޓްރެކްޓް އުވައިލާނެ ކަމަށެވެ. އަދި ވޭވޭއިން މި ހުއްދަ ދިނުމަށް އެދިފައި ވަނީ ޕާކިސްތާންގެ ކަކމާ ބެހޭ އިދާރާއިން އެކަން ހުއްދަ ކުރުމުން ކަމަށްވެސް ވާވޭ އިން ބުންޏެވެ.
ބީއީއެސްއިން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ވަގަށް ވަލުފަރާތުން ދޮރެއް ހުޅުވާގޮތަށް މި އައިޓީ ނިޒާމަށް ޗައިނާގައި ތިބެގެން ވަގަށް ވަދެގެން ޕާކިސްތާން ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ ހައްސާސް ޑޭޓާއިން ވައްކަން ކޮށްފައިވާ ކަމަށާއި ވާވޭއިން ބީއީއެސްގެ ފިކުރީ އުފެއްދުން ވަގަށް ނަގައިގެން އޭގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށެވެ.
މި މައްސަލާގައި ޗައިނާގެ ކުންފުނި ވާވޭގެ ފަރާތުން ބަހެއް ލިބިފައި ނުވާކަމަށް މި ވާހަކަ ރިޕޯޓް ކުރި އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލްއިން ބުންޏެވެ.