އީރާންގައި ދިރިއުޅޭ އެމެރިކާ ރައްޔިތުންތަކަކާއި ޕާކިސްތާންގެ ރައްޔިތަކު އީރާންގެ ސަރުކާރަށް އެމެރިކާ ޑޮލަރު ފޮނުވައިދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
އިއްޔެ ހިއުސްޓަންއިން ހައްޔަރުކޮށްފައިވަނީ، މުޒައްނިލް ޒައިދީ އާއި ޢަރިފް ނަގްވީ ކިޔާ އެމެރިކާގެ ދެ ރައްޔިތުންނެވެ.
އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި އީރާންގެ ސަރުކާރަށް އެމެރިކާ ޑޮލަރު ނުލިބޭ ގޮތް ހަދާފައި ބޭއްވުމަކީ މެދުއިރުމަތީގައި ހަމަނުޖެހުން އުފެއްދުމާއި އެމެރިކާ އިން ތުހުމަތު ކުރާ ގޮތުން ޓެރަރިޒަމަށް އީރާނުން ހޭދަކުރިޔަ ނުދިނުމަށް ކުރަން ޖެހޭ މުހިންމު މަސައްކަތެކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި މިމީހުން އެމެރިކާގެ މީސްމީހުން އަތުން ޑޮލަރު ހޯދައި ޗަންދާކޮށްފައިވަނީ އީރާންގެ އިސްލީޑާޝިޕަށް އެތަކެތި ފޮނުވުމަށެވެ. އަދި މިމީހުން މިމަސައްކަތް ކޮށްފައިވަނީ އެމެރިކާއިން ނަގަން ޖެހޭ ހުއްދަ ނެގުމަކާ ނުލައެވެ.
އެމެރިކާއިން ދަނީ އެމެރިކާގައި މަސައްކަތް ކުރާ ފަރާތްތަކުން ހިންގާ ނެޓްވަރކްތަކަށް ފާރަލަމުންނެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނަނީ މިއީ އެތައް ގޮތަކުން އެމެރިކާގެ ސަލާމަތަށް މުހިންމުވާ މައްސަލައެކެވެ.
އެފްބީއައި އިން ތުހުމަތުކުރާ ގޮތުގައި ޒައިދީ ވަނީ އެމެރިކާއިން ސީރިޔާއަށް ދަތުރުކޮށްފައެވެ. އަދި ސީރިޔާއިން އޭނާ ވަނީ އީރާންގެ އަސްކަރީ ބޯޓެއްގައި އީރާނަށް އެތެރެވެފައެވެ.
އޭނާއާއި އޭނާގެ ބައިވެރިން އީރާންގެ އިސްލާމިކް ރެވަލޫޝަންރީ ގާޑުގެ ވެރިންނާ ގުޅިފައިވާ ކަމަށްވެސް އެފްބީއައިން ވަނީ ތުހުމަތުކޮށްފައެވެ. އިސްލާމިކް ރެވަލޫޝަންރީ ގާޑުންގެ އިސް ޖެނެރަލް ގާސިމް ސުލައިމާނީ ވަނީ އެމެރިކާއިން ދިން ހަމަލާއެއްގައި އަވަހާރަކޮށްލާފައެވެ.
ޝީއީ މަޛްހަބްގައި އޮންނަ ގޮތުން ޒަކާތުގެ ގޮތުގައި ނަގާފައިސާއިން ފަސްބައިކުޅަ އެއްބައި، (ޚުމްސް) އަކީ އެ ސަރަހައްދެއްގައި ދިރިއުޅޭ ޝީޢީ މަޛްހަބްގެ މީހުންގެ އިމާމަށް އޮންނަ ބައެކެވެ. އަދި އިމާމުން މި ޚުމުސުން އާންމުންނަށް ފައިދާހުރި ކަންކަމަށް ހޭދަ ކުރެއެވެ. އެގޮތުން ބައެއް އިމާމުން ލައިބްރަރީތަކާއި ޔުނިވަރސިޓީތައް ބިނާކޮށްފައިވާ ކަމަށް ވެއެވެ.
މި މީހުންވެސް އެމެރިކާގައި ނަގާފައިވަނީ އިމާމީ މަޛްހަބްގެ ޝީއާއިންގެ އަތުން އެމީހުން އީރާންގެ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއިއަށް ދިން ޚުމުސެވެ.
މިމީހުން މިކަން ކޮށްފައިވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ އިސްލާމިކް ޕަލްސް ކިޔާ ޖަމުއިއްޔާއެއް މެދުވެރިކޮށެވެ.
އީރާނަކީ އެމެރިކާއިން ޓެރަރިސްޓް ގައުމެއްކަމަށް ލޭބަލްކޮށްފައިވާ ގައުމެއްކަމުން އީރާނަށް ނުވަތަ އީރާނުގެ ވެރިއެއްގެ ނަމުގައި ކުރެވޭ ކޮންމެ ކަމެއް ވެގެންދާނީ އެއާމެދު އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމަކަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިމީހުން މިފައިސާ ފޮނުވާފައިވަނީ އީރާނުގެ ވަލީވެރިންގެ ޒިޔާރަތްތަކަށް ދަތުރުކުރި މީހުންގެ އަތުގައެވެ.
މިމީހުންގެ މައޗަށް ކުށްސާބިތު ވެއްޖެނަމަ 30 އަހަރަށް ޖަލަށްލާނެ ކަމަށް ބެލެވެއެވެ.