ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެނާ ގަމާމުން ވަކިކުރަން ނިންމީ، ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެސުލޫކީ މިންގަނޑާ ހިލާފްވެފައިވާތީ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ޝުކޫރު އެ މަގާމުގައި ހުރެގެން އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުގެ މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަސްވަރު އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއްގެ ގޮތުގައި ހުރެ، ހައްޔަރުކުރި ފަރާތުގެ ގާނޫނީ ވަކީލާއި، ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް ވަކީލުދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވިލިނގިލީ ގެއެއްގައި، ކުރީގެ ފަނޑިޔާރުން ތަކަކާއެކު، ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެފައިވާ މައްސަލަ އާއި އޭގެ ފަހުން ވިިލިނގިލީ ކެފޭއެއްގެ ތެރޭގައި ވާހަކަދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދި ފައިވާކަން ސާބިތުވެފައިވާކަަމަށްވެސް ބުނެފައިވެއެވެ.
ހަމަ އެ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުން އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތެއް ފުލުހުންނާ ހިއްސާކޮށް، އެކަމަށްޓަކައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރި ކަމުގެ ހަމަތަކުން ބޭރުން އަމަލު ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސސީން ބުނެފައިވެއެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.
ޝުކޫރު ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމިއިރުވެސް އޭނާ ހުރީ ސަސްޕެންޓް ކޮށްފައެވެ.
މީގެ އިތުރުން ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އަށް މައްސަލައެއް ބަލަމުންދާކަމށް ޖޭއެސްސީން ބުނެފައިވެއެވެ.