ހާލަތު ރަނގަޅު ނުވާތީ ޗުއްޓީ އިތުރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތި ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގަ އެވެ.

އެ ސިޓީފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވި މީހުން ނުހޯދޭތީ އެނބުރި ދިވެހިރާއްޖެ ވަޑައިނުގަންނަވަން އާއިލާއިން ވެސް އެދެމުންދާތީ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަދު ހެނދުނު ރިޔާސަތުން ފެށީ ރައީސް ނަޝީދު މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާ ސިޓީއެއް ވިދާޅުވަމުން ނެވެ. އެ ސިޓީ މަޖިލީހުގެ މެންބަރުން އިއްވަވައިދެއްވީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އެވެ.

ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވަނީ މި ސިޓީއަކީ ދައުލަތުގެ އިދާރާއަށް ނުރުހިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށާއި މިއީ ހާލަތު އޮތް ގޮތުން ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ، ހަމަލާގެ ތަހުގީގު ނިމި އެ ކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނެސް ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން އާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުންނާއި އެމަނިކުފާނަށް ވެސް ފެނިވަޑައިނުގަންނަވާތީ ޗުއްޓީ އިތުރުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި ހުންނައިރު، މަޖިލީހުގެ މެންބަރުންގެ އިރުޝާދުގެ ދަށުން ނައިބު ރައީސް ހިންގަވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭން ބޭރުގައި ހުންނެވި ނަމަވެސް މަޖިލީހުގެ މަސައްކަތްތަކުގައްޔާއި ގައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

މި ގޮތުން އިންޓަރ ޕާލިމެންޓްރީ ޔުނިއަންއާއި ކޮމަވެލްޓް ޕާލިމަންޓަރީ ޔުނިއަންއާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިތުރު ފަރުވާ ހޯއްދެވުވަށް އިނގިރޭސިވިލާތުގަ އެވެ.