މިއަހަރުގެ އާޝޫރާ ދުވަހަކީ އޮގަސްޓް 18 ވާ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި އަމަލުކުރެވެމުންދާ އުސޫލުގެ މަތިން 1443 ވަނަ އަހަރުގެ މުހައްރަމް މަހުގެ 1 ވަނަ ދުވަހަކީ އޮގަސްޓް މަހުގެ 9 ވަނަ ދުވަސް ކަމަށެވެ.

އެހެންކަމުން މުހައްރަމް މަހުގެ 10 ވަނަ ދުވަހަކީ (އާޝޫރާ ދުވަހަކީ) އޮގަސްޓް މަހުގެ 18 ވާ ބުދަ ދުވަސްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމަކަށް ވުމުން ރޯދަ ހިފުމަށް ނަސޭހަތްތެރިވެފައެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވާ ގޮތަކީ އާޝޫރާ ދުވަހުގެ ކުރީދުވަހާއެކު ނުވަތަ އާޝޫރާ ދުވަހާއި އެ ދުވަހުގެ ފަހު ދުވަހާއެކު ރޯދަ ހިފުންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.