ކ. ތުލުސްދޫގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީސް ބަންދުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ މި އޮފީސް ބަންދުކުރީ އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ތުލުސްދޫގައި ކަސްޓަމްސްގެ ޚިދުމަތް ޤާއިމް ކުރެވިފައިވަނީ، ތުލުސްދޫގައި ހިކި ކަނޑުމަސް ރައްކާކުރުމާއި ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ގިނަ ފަރާތްތަކުން ކުރަމުންދިއުމާއި ގުޅިގެން މަސް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް ކަސްޓަމްސްގެ ޚިދުމަތް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށެވެ.

ނަމަވެސް، މި ވޭތުވެދިޔަ ދުވަސްތަކުގައި ކަސްޓަމްސްގެ ރަސްމީ ބަނދަރުތައް ކަމުގައިވާ މާލޭ ކޮމާޝަލް ހާބަރު އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދެމުންދާ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެ ތަރައްޤީ ކުރެވިފައިވުމާއެކު، މާލެއާއި ކައިރި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާ، މުދާ އެކްސްޕޯރޓްކުރާ ފަރާތްތަކުން ރަސްމީ ބަނދަރުތަކުން ޚިދުމަތް ހޯދުން ވަނީ އިތުރުވެފައެވެ.

ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ތުލުސްދޫގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީހުން، މުދާ އެކްސްޕޯރޓް ކުރާ ފަރާތްތަކުން އެއްގޮތަކަށްވެސް ޚިދުމަތް ނުހޯއްދަވައެވެ. އެހެންކަމުން އެރަށުގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީހުގެ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި ވަނީ އެއްކޮށް ހުއްޓިފައެވެ. އަދި އެކްސްޕޯރޓް ކްލިއަރަންސް މަރުހަލާގައި ހަރަކާތްތެރިވާ އެހެނިހެން ކަމާގުޅޭ ރަސްމީ އިދާރާތައްވެސް މިހާރު ތުލުސްދޫގައި ޤާއިމްވެ ޚިދުމަތް ދިނުމުގެ ބަދަލުގައި ރަސްމީ ބަނދަރުތަކަށް ބަދަލުވެފައިވާކަން ފާހަގަކުރަމެވެ.

ތުލުސްދޫ ކަސްޓަމްސްގައި މަސައްކަތްކުރަމުންއައި އޮފިސަރުންގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި މިވަގުތު ދެވޭނީ ކަސްޓަމްސްގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގެމަތީން ފޯރުކޮށްދެމުންދާ އޮފީހެއްގައި ޚިދުމަތްކުރެވިގެން ކަމުގައިވާތީވެ، އެ އޮފީހުގައި މަސައްކަތްކުރަމުން އައި އޮފިސަރުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2012/R-35 ) ގެ ދަށުން، ކަސްޓަމްސްގެ އެހެން ސެކްޝަންތަކަށް ބަދަލުކުރެވިފައެވެ.

ކ. ތުލުސްދޫ ކަސްޓަމްސް އޮފީސް ބަންދު ކުރުމަށް ނިންމާފައިވަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެފަރާތްތަކުގެ ލަފާގެމަތިންނެވެ. އަދި އިމްޕޯރޓް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މި މުއައްސަސާއިން އަބަދުވެސް މަސައްކަތްކުރަމެވެ.