ރާއްޖޭގައި މިއަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދު ދިނުމަށް ކާމިޔާބު ކޯޗް އަލީ ސުޒޭން މިރޭ ހަމަޖައްސައިފިއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ ސުޒޭނުކަން އިއުލާން ކުރެއްވީ ފުޓްބޯލް އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައެވެ. ބައްސާމް ޓްވީޓުގައި ވިދާޅުވެފައި ވަނީ ކޯޗް ސުޒޭނާއި ގައުމީ ޓީމު ހަވާލު ކުރީ ވަގުތީ ގޮތުން ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ކޯޗިންގ ސްޓާފުން ހަމަޖައްސައި، ބައްސާމް ކުރެއްވި ޓްވީޓް.

ގައުމީ ޓީމުގެ ކޯޗްކަމުގެ މަގާމަށް ސުޒޭން ހަމަޖައްސާފައި މިވަނީ ނެދަލޭންޑްސްގެ މާޓިން ކޫޕްމަން މީގެ ދެތިން ދުވަސް ކުރިން ވަކި ކުރުމަށްފަހުއެވެ. ކޫޕްމަންއާމެދު އެފްއޭއެމްއިން ހިތްހަމަ ނުޖެހުން އުފެދުނީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ޖޫންމަހު ކުޅުނު ތިން މެޗުގައި އޭނާގެ ރޭވުންތެރިކަން ހުރި ގޮތުގެ ސަބަބުންނެވެ. މިތިން މެޗުންވެސް ރާއްޖެވީ ބައްޔެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތަށި ދިފާއު ކުރަން ނުކުންނަ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން ހަމަޖެއްސިއިރު އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހުންނާނީ ސުޒޭނަށްފަހު މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއްކޯޗް ކަމުގައިވާ އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. ގޯލް ކީޕަރު ޓްރެއިނަރަކަށް ހުންނާނީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯދިއިރު ގޯލުގައި ހުރެ މޮޅެތި ސޭވްތަކެއް ކުރި ކީޕަރު އިމްރާން މުހައްމަދެވެ. އިމްރާނާއެކު ގޯލް ކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ދެން ހަރަކާތްތެރި ވަނީ 2008 އަދި 2018 ވަނަ އަހަރުވެސް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ގޯލް ކީޕަރު ޓްރެއިނަރަކަށް މަސައްކަތް ކުރި ވެލެންސިޔާގެ ކުރީގެ ކީޕަރު އަސްލަމް އަބްދުއްރަހީމްއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 1 އިން 13 ރާއްޖޭގައެވެ. މުބާރާތުގެ ބައެއް މެޗުތައް ކުޅުމަށްޓަކައި ހުޅުމާލޭ ފުޓްބޯޅަ ދަނޑު ނިންމުމަކީ އެފްއޭއެމްގެ އަމާޒެކެވެ.