ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ބަދަލުވާން ބޭނުންވާކަން އޭނާގެ އެޖެންޓް ޖޯޖް މެންޑެޒް މެން.ސިޓީއަށް އަންގައިފިއެވެ.

އިޓަލީގެ މަޝްހޫރު ނޫހެއް ކަމުގައިވާ ކޮރިއެރޭ ނޫހާ ހަވާލާދީ ގޯލް.ކޮމްގައި ބުނެފައި ވަނީ ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ ބޭނުންވެފައި ހުރި ކަމަށެވެ. އަދި ރޮނާލްޑޯ ބަދަލުވާން ކުރިން ބޭނުންވެފައި ހުރީ ފްރާންސްގެ ޕީއެސްޖީއަށް ކަމަށާއި އެކަމަކު އާޖެންޓީނާގެ ތަރި އަދި ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ ލިއޮނަލް މެސީގެ ސޮއި ޕީއެސްޖީއިން ހޯދުމުން، ޕީއެސްޖީއަށް ރޮނާލްޑޯއަށް މިވަގުތު ބަދަލު ވެވޭނެ ފުރުސަތު ނެތުމުން މެން.ސިޓީއަށް ބަދަލުވާން ބޭނުންވެފައި ހުރި ކަމަށެވެ.

ރޮނާލްޑޯގެ އެޖެންޓް މެންޑެޒް، މެން.ސިޓީއަށް ރޮނާލްޑޯގެ ޓްރާންސްފާ ހުށަހެޅިނަމަވެސް އެކްލަބުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޓީމު މޮޅަށް ކުޅުނު ނަމަވެސް ލަނޑު ނުޖެހޭތީ އެކަމަށް ހައްލެއް ހޯދަން ބޭނުންވެފައި ހުރި މެން.ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ އަމާޒު ޓްރާންސްފާ މާކެޓް ފެށުނުއިރު ހުރީ ޓޮޓެންހަމްއަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން އަދި ނުރައްކާތެރި ފޯވާޑް ހެރީ ކޭން އެކްލަބަށް ގެނައުމަށެވެ. އެކަމަކު ޓޮޓެންހަމްއިން ކޭން ވިއްކުމަށް ކިޔާ އަގާމެދު ސިޓީން ހިތްހަމަ ނުޖެހޭތީ ކޭން ގަތުމަށް ރަސްމީ ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ.

ކޭންގެ ޓްރާންސްފާ ކަންކަން ދިޔަ ގޮތުން މެން.ސިޓީއަށް ބަދަލުވުމަށް ރޮނާލްޑޯއަށް ރަނގަޅު ފުރުސަތެއް އެބައޮތް ކަމަށް މެންޑެޒް ދެކެއެވެ. މެން.ސިޓީއިން ހޯދަމުން ދަނީ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ކެރިޔަރުގައި މިހާތަނަށް 674 ލަނޑު ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯ،36، އަކީ މިވަގުތަށް މެން.ސިޓީއަށް ހައްލު ހޯދައިދެވޭނެ ކުޅުންތެރިއެކެވެ.

ޔޫރަޕުގެ ފުޓްބޯޅަ ސީޒަން ފެށިފައި ވީނަމަވެސް، މިހާރު ހިނގަމުންދާ ޔޫރަޕުގެ ޓްރާންސްފާ މާކެޓް ބަންދުވާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.